ENGLISH

29 މާރިޗު 2026

Advertisement

އަންނަ މަހުގެ އެކަކުން ފެށިގެން ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގެ ފަސޭހަ އިންތިޒާމްތަކެއް

29 މާރިޗު 2026

|

އައިމިނަތު ޝަފާ

ވަޒީރު ތާރިގް. ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވަމުންދާ ގޮންޖެހުންތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވިދާޅުވި. ފޮޓޯ؛ރައީސް އޮފީސް

ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގައި ފަސޭހަ އިންތިޒާމްތަކެއް އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ފަތުރުވެރިންނަށް ދޫކުރާ ވިސާގެ މުއްދަތަކީ 30 ދުވަސް ކަން ފާހަގަކުރައްވައި އެ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރަން ޖެހޭ ހާލަތްތަކުގައި ފަތުރުވެރިންނަށް އެކަން ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިމިގްރޭޝަނާއެކު ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެޕްރީލް މަހުގެ ފުރަތަމަ ދުވަހު، ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނޭކަން އިޢުލާންކުރައްވާފަ އެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޓެކް ރެކް ޑައިވިންގ، އެޕްރީލް މަސް ނިމުމުގެ ކުރިން ތަޢާރަފުކުރުމަށާއި، ސްޕިއަރ ފިޝިންގ ތަޢާރަފުކުރުމަށް ތައްޔާރީތައް ވަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރީގަ އޮންނަ ދިގު މުއްދަތު އަދި ހުށަހަޅަންޖެހޭ ބައިވަރު ޑޮކިއުމަންޓްސްތައް ހުށަނާޅާ، އެބޭފުޅުންގެ އޮންލައިން ޕްލެޓުފޯމުން، ވިސާ ފޮޓޯ އެޕްލައިކޮށް، ފައިސާ ދެއްކީމަ، 48 ގަޑިއިރުތެރޭގައި ވިސާ އެކްސްޓެންޑުކުރެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.  

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 30 އިންސައްތަ ފަތުރުވެރިން އަންނަނީ މެދުއިރުމަތިންކަމަށްވާއިރު ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ނިސްބަތުން ވަނީ ދަށްވެފަ އެވެ.

ނަމަވެސް މައްސަލަ ހައްލުކޮށް ސިނާޢަތުގައި ހަރަކާތްތެރިވާ މަންދޫބުންނާ މަޝްވަރާކުރައްވައި، ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވެސް މަސައްކަތްތައް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު