ENGLISH

29 މާރިޗު 2026

Advertisement

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ ތާއީދު މޫސާ އަލީ ޖަލީލަށް

29 މާރިޗު 2026

|

އައިމިނަތު ޝަފާ

އުއްޗު ،ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާއެކު.

މާލެ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލު ހޮވުމަށް ތާއީދުކުރައްވައި އެކަން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ހާމަކުރައްވައިފި އެވެ. 

އުއްޗުގެ އަރިހަށް ޗަމްޕާ ގިރިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް މިއަދު ވަނީ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަމަށާއި އަދި މޫސާ އަލީ ޖަލީލަށް ވޯޓު ހޯއްދަވާދެއްވަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލުކަން ފާހަގަކުރައްވައި އުއްޗު ވިދާޅުވީ ވަކިން ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ ޢަލީ ޖަލީލް ފަދަ ބޭފުޅުންގެ ޚިދުމަތް މި ޤައުމަށް ބޭނުންވާނެ ކަމަށެވެ. އަދި ޤައުމީ ޚިދުމަތުގައި ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ މޫސާ ޖަލީލުމެން ފަދަ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް ވަކާލާތު ކުރައްވާކަމަށާއި އެކަމަށް އިސްކަން ދެއްވާނެކަމަށް ވެސް ވިދާޅުވި އެވެ. 

މި ބައްދަލުވުން ނިންމަވާލައްވަމުން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވަނީ މި ދަޢުވަތު ދެއްވިކަމަށްޓަކައި އަދި މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އެމަނިކުފާނު ގެންނެވުމަށް ތާއީދުކުރެއްވިކަމަށްޓަކައި އުއްޗުއަށް ޝުކުރު އަދާކުރައްވާފައެވެ. 

ދިވެހި ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުއްޗު، ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވަން ނިންމެވި އިރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން މިފަހުން އަންނަނީ މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި މާލޭގެ ރައްޔިތުން އެދޭ ބަދަލު ގެނެސްދެވޭނީ މޫސާ އަލީ ޖަލީލަށް ކަމަށްވާތީ އެމަނިކުފާނުގެ ފަހަތްޕުޅަށް އަރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު