ENGLISH

29 މާރިޗު 2026

Advertisement

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި

29 މާރިޗު 2026

|

އައިމިނަތު ޝަފާ

ވަޒީރު އަމީން. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައި. ފޮޓޯ؛ ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާކަން، އެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ހާމަކުރައްވައިފި އެވެ.

އެ ކޮމިޓީއިން އެ މަޢުލޫމާތު ހިއްސާކުރައްވާފައިވަނީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ އެއަރލައިން އޮޕަރޭޓްކުރާ ކޮރިޑޯތަކުގައި، އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީއިން މިހާރު، ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރަން ފަށާފައިވާކަމަށެވެ. އަދި ކުރިއަށްއޮތް އެޕްރީލް މަހުން ފެށިގެން، ގަތަރު އެއަރވޭޒް އިން ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރުމަށް ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

" އެ ބޭފުޅުންގެ އޮޕަރޭޝަންސް ރޭޝިއޯއިން ބަލާކަމަށްވަންޏާމުން އެހެން ޤައުމުތަކާ އަޅާބަލާއިރު އަޅުގަނޑުމެންނަށް އެބަހުރި އޭގައި ވަރަށް ބޮޑު ކުރިއެރުންތަކެއް. އިރާދަކުރެއްވިއްޔާ އޭޕްރިލް މަހުގެ 9 ން ފެށިގެން ގަތަރު އެއަރވޭސް ވެސް ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރައްވަން ފައްޓަވާނެ. އެ ޝެޑިއުލް ވެސް އަޅުގަނޑުމެންނަށް މިހާރު ކޮންފާމް ކުރެވިއްޖެ". ވަޒީރު ވިދާޅުވި އެވެ.

ހަނގުރާމަ ފެށުނު އިރާ އަޅައިބަލާއިރު، މިހާރު އެއަރލައިންތަކުގެ ބުކްލޯޑުވެސް އިތުރުކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް މީގެ ކުރިން އަންނަ ފްލައިޓުތަކުގެ ބުކިން ލޯޑު އެވްރެޖުކޮށް 50 އިންސައްތައިގައި ހުންނައިރު މިހާރު ފްލައިޓުތަކުގެ ލޯޑު 75 އިންސައްތައިގައި ހުންނަ ކަމަށް އަމީން ވިދާޅުވި އެވެ.

ވިޔަފާރި އާއި އެ ނޫންވެސް ބޭނުންތަކުގައި ދަތުރުފަތުރުގެ އައު ރޫޓްތައް ޤާއިމުކުރަން ޖެހޭ ޙާލަތްތައް ދެނެގަނެ، އެކަން ފަހިކުރުމަށްވެސް މަސައްކަތްކުރައްވާކަން ވެސް ވާހަކަފުޅު ނިންމަވާލައްވަމުން އަމީން ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު