ENGLISH
29 މާރިޗު 2026
ފުލުސް މީހާ މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ
29 މާރިޗު 2026
|
އާދަމް ހަލީމްގެ ގާތިލު ސަމާހު. ފޮޓޯ؛ޕީއެސްއެމް
އެންމެ މަޤްބޫލު
މާލެ އަތޮޅު ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލަ ކުރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ބެލުމަށް ފަހުވެސް އެ މައްސަލައިގައި ތުހުމަތުވާ މުޙައްމަދު ސަމާޙުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ޕޮލިސް ސާޖަންޓު އާދަމް ޙަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުޙައްމަދު ސަމާޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވާކަމަށެވެ.
މި މައްސަލާގައި މުޙައްމަދު ސަމާޙުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 29 ޖުލައި 2012 ގައެވެ. އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި 14 ޖަނަވަރީ 2013 ދުވަހު، މުޙައްމަދު ސަމާޙު މެރުމަށް އެކޯޓުން ޙުކުމްކޮށްފައިވެއެވެ. އަދި އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަަވަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް 30 ސެޕްޓެންބަރު 2020 ދުވަހު އެ އެކޯޓުން ނިންމާފައިވެއެވެ.
އެ ނިންމުން މުޙައްމަދު ސަމާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލުކުރުމަށް 23 ސެޕްޓެންބަރު 2024 ދުވަހު ނިންމާފައިވެއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު، މި މައްސަލާގައި މުޙައްމަދު ސަމާޙުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް މިއަދު ޙުކުމްކޮށްފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އަންނަ އޭޕްރީލްމަހުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.