ENGLISH
30 މާރިޗު 2026
ހަރަދު ކުޑަކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުންނަށް ދަތި ނުވާނޭހެން: ޑރ. ޚަލީލް
29 މާރިޗު 2026
|
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ސަރުކާރުން އެޅުމަށް ނިންމާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް އެކަމުގެ ދަތި ނުފޯރާނޭހެން ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް، ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، ދައުލަތުގެ ބަޖެޓުން ރައްކާ ކުރެވޭނެ ދާއިރަތައް ބަލައި، އެކަމުގެ ޕްލޭން މާލީ ވުޒާރާއިން ހަފުތާއެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅާނެ ކަމަށް ވަޒީރު މޫސާ ޒަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެެވެ.
އިތުރު ތަފްސީލު ދެއްވަމުން، މިއަދު ވަޒީރު ޑރ. ޚަލީލް ވިދާޅުވީ އެންމެ އިސްކަމެއް ދެނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގައިވެސް ރައްޔިތުންނަށް އެކަމުގެ ދަތި ނުފޯރާނެހެން ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ.
"ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ބުރޫ ނާރާނެހެން ކަންކަން ބައްޓަންކުރައްވައިގެން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މި މަސައްކަތް ކުރަނީ އެއީ ރައީސްގެ ސިޔާސަތަކީ. އަދި އަޅުގަނޑުމެން އެންމެ އިސްކަން ދޭ ކަމަކީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހަރަދު ކުޑަކުރުމުގެ ގޮތުން އިސްކަންދޭ ދާއިރާތަކަށް މުހިއްމުކަންދީ، ހަރަދުތައް ރިވިއުކޮށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން މިހާރުވެސް އަޅަންފަށާފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރަށް ރާއްޖެއަށް ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ހިދުމަތްތައް ފަސޭހަކަމާއެކު މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އިތުރު މަގުތައް ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއް ގައުމުތަކާއެކު ރަސްމީ މަޝްވަރާތައް ފެށިފައިވާކަން ހާމަކުރައްވައި އެގޮތުން އެކަމަށް ހާއްސަ ޓީމެއް ދާދިފަހުން ސްރީ ލަންކާގެ ކޮލަމްބޯއަށް ގޮސް ބައެއް މަޝްވަރާތައް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކޮށް އެމީހުންގެ ހާލަތު ކޮންމެ ދުވަހަކުވެސް ބަލުމުންދާކަން ފާހަގަކުރައްވައި ސީދާ ހަމަލާއެއް އައިސްދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި އުޅޭ ދިވެހިން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.