ENGLISH
30 މާރިޗު 2026
ގައުމީ ބޭންކުން ހިއްސާދާރުންނަށް 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބަހަނީ
29 މާރިޗު 2026
|
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. ފޮޓޯ؛ބީއެމްއެލް
އެންމެ މަޤްބޫލު
ރޭ ބޭއްވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާގެ މަގުން 322 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ.
މިއީ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.
އަހަރީ އާންމު ޖަލްސާގައި ވަނީ މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި ދެ ހިއްސާ ދޫކުރުމަށްވެސް ފާސްކޮށްފަ އެވެ.
މިކަމާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި އަހަރު ބޭންކުން ހޯދި ވަރުގަދަ މާލީ ނަތީޖާއާއެކު ހިއްސާދާރުންނަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ދިނުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔަކަމީ ބޭންކުގެ ވިޔަފާރީގެ ވަރުގަދަކަމާއި ކަސްޓަމަރުން ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
"ގައުމީ ބޭންކުގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދު ކުރިއަރުވަވައި، ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށް ފަރުދުންނާއި ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ދިގުމުއްދަތުގެ ފައިދާ ހޯދައިދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން" ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝަރ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޑިޖިޓަލް ޚިދުމަތްތައް ވަރުގަދަކުރުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް އެއްބާރުލުން ދިނުމަށް އިސްކަންދެމުންކަމަށް އެބޭންކުން މައުލޫމާތުދެއެވެ.