ENGLISH
29 މާރިޗު 2026
ނޭޕާލަކީ މުހިއްމު ބައިވެރިއެއް، މުހިއްމު ދާއިރާތަކުން ގާތް ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެބަހުރި: ރައީސް
29 މާރިޗު 2026
|
ނޭޕާލްގެ އައު ބޮޑުވަޒީރު ބަލެންދްރަ ޝާހް. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ނޭޕާލްގެ އައު ބޮޑުވަޒީރު ބަލެންދްރަ ޝާހް، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފި އެވެ.
ނޭޕާލްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއެކު އަދި އިޞްލާޙީ ބަދަލުތަކަށް މަގުފަހިކުރުމަށް ގޮވާލައި ގެނެވުނު ބަދަލުގެ ތެރެއިން މިމަހު ކުރީކޮޅު ބޭއްވި ޢާންމު އިންތިޚާބުގެ މައްޗަށް އަލިއަޅުއްވާލެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއެވެ. އެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އިންތިޚާބަކީ ނޭޕާލްގެ ދިމިގުރާތީ ދަތުރުގައި އެޤައުމުގެ ރައްޔިތުން އުންމީދުކުރާފަދަ ހަމަޖެހުމާއި ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ އިންތިޚާބެއް ކަމުގައި ވިދާޅުވި ކަމަށެވެ.
ނޭޕާލަކީ ދިވެހިރާއްޖޭގެ ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެކުނު އޭޝިއާ ސަރަޙައްދުގައި ހުރި އެކިއެކި ގޮންޖެހުންތައް ޙައްލުކުރުމުގައި ދެޤައުމުން ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުންތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި، ރާއްޖެއާއި ނޭޕާލާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަޙައްދީ ގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ނޭޕާލް ސަރުކާރާއެކު މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އެމަނިކުފާނު ފާޅުކުރައްވާފައިވާކަމަށް ވެސް އެ އޮފީހުން މައުލޫމާތު ދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ނޭޕާލްގެ ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާފާގަތިކަމަށާ، އެޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުމާއި ދުޅަހެޔޮކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.