ENGLISH

29 މާރިޗު 2026

Advertisement

އާ އިމާރާތާއެކު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ގިނަ އައު ހިދުމަތްތަކެއް ގާއިމުކުރެވގެންދާނެ: ނާޒިމް

29 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އަައިސޮލޭޝަން ފެސިލިޓީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ސަރަަަހައްދީ ހޮސްޕިޓާތައް ޓާޝަރީ ފެންވަރަށް ތަރަައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީގައި އަޅާ އައު ހޮސްޕިޓާ އެޅުމުން ގިނަ އައު ހިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ގާއިމުކުރެވިގެންދާނެ ކަމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު އީއާރްއާއި، އެ ހޮސްޕިޓަލުގެ އައު ޑައިލަސިސް ސެންޓަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ސަރަހައްދީ ހޮސްޕިޓާތައް ޓާޝަރީ ފެންވަރަށް ކުރިއެރުވުމުގެ މަސައްކަތްް ކުރަނީ ހަތަރު ދާއިރާއަކަށް އިސްކަންދީގެން ކަމަަށެވެ. އެގޮތުން އެފަދަ ހޮސްޕިޓަލަކަށް ބޭނުންވާ މުވައްޒަފުން އެތަނަކަށް ހޯދުމާއި، އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއި، މެޝިނަރީއާއި އިކުއިޕްމެންޓު ފޯރުކޮށްދިނުމާއި، ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތައް ސިއްހީ ނިޒާމުގައި ގާއިމުކުރުމަކީ ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމުގައި ކުރަންޖެހޭ ކަންކަން ކަމުގައި ނާޒިމު ފާހަގަކުރެއްވިއެވެ. 

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ސީއީއޯއާ ހަވާލާދެއްވަމުން ނާޒިމު ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ސަބް-ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދައިދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިތުގެ ބައްޔާއި، ނާރުގެ ބައްޔާއި، ކިޑްނީގެ ބައްޔާއި، ދުވަސްނުފުރާ އުފަންވާ ކުދިންނަށް ފަރުވާދޭ ޑޮކްޓަރުން އެ ހޮސްޕިޓަލަށް އިތުރުކުރެވިފައިވެއެވެ. ޓާޝަރީ ހިދުމަތަށް އެފަދަ ސަަބްސްޕެޝަލިސްޓު ޑޮކްޓަރުން ތިބުމަކީ މުހިއްމު ކަމެއް ކަމުގައި ނާޒިމު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ޓާޝަރީ ފެންވަރަށް ހިދުމަތް ތަރައްގީކުރުމަށް އައު އިމާރާތެއްގެ ބޭނުންތެރިކަން ބޮޑުކަން ޑޮކްޓަރުންވެސް ފާހަގަކުރައްވަމުންދާ ކަމަށެވެ. އަދި އެ އަޑުއައްސަވައިގެން އެ ރަށުގައި ތަރަައްގީކުރަން ނިންމާފައިވާ ހޮސްޕިޓަލުގެ އައު އިމާރާތުގެ ކުރެހުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ގާތްގަނޑަކަށް 20،000 އަކަފޫޓުގެ ބިމެއްގަައި 1،160،000 އަކަފޫޓުގެ ބިލްޑްއޭރިއާގައި އަޅުގަނޑުމެންނަށް ހިދުމަތް ބޭނުންވާނެކަން ފާހަގަކުރެވިފައިވޭ. އެހެންކަމުން އަށް ބުރީގެ އިމާރާތަކަށް ވެގެންދާނެ. އަޅުގަނޑުމެންގެ ހިސާބުތައް ދައްކާ ގޮތުން 250 އާއި 270 މިލިއަނާ ދެމެދުގެ އަދަދެއް ހަރަދުވާނެ. ދެ އަހަރާއި ދެ އަހަރާ ބައިގެ މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމެނޭ،" ނާޒިމު ވިދާޅުވިއެވެ. 

ނާޒިމު ވިދާޅުވީ މި އިމާރާތާއެކު މިހާރުވެސް ހޮސްޕިޓަލުން ލިބެމުންދާ ހިދުމަތްތައް ފުޅާކުރުމާއެކު، އައު ހިދުމަތްތަކެއްވެސް ތައާރަފުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ލެބޯޓަރީގެ ހިދުމަތަކީ ފުޅާކުރާނެ ހިދުމަތެއްކަމަށާއި، ޑެންޓަލް ހިދުމަތާއި ރޭޑިއޮލޮޖީއާއި ޑެންޓަލް ހިދުމަތްތައް އިތުރަށް ފުޅާކުރަންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކާޑިއަކް ސެންޓަރު ފުޅާކުރުމުގެ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ކެތު ލެބުގެ ހިދުމަތެއް މުހިއްމު ނަމަވެސް ޖާގައިގެ ދަތިކަން އޮތުމުން މިހާރު އެކަން ނުކުރެވި އޮތްނަމަވެސް އައު އިމާރާތާއެކު އެ ޖާގަ ލިބި ކެތުލެބުގެ ހިދުމަތްވެސް ގާއިމުކުރެވިގެންދާނެ ކަމަށާއި، ކެންސަރު ފަރުވާއާއި، ސައިކިއެޓްރީއާއި އެނޫންވެސް ގިނަ ކަންކަމަށް ހާއްސަ ޔުނިޓުތަކެއް ގާއިމުކުރެވިގެންދާނެ ކަމުގައި ނާޒިމު ވިދާޅުވިއެވެ. 

ނާޒިމު ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތް ހިމެނޭހެން ހުރިހާ ހިދުމަތްތައް ތައާރަފުކުރެއްވުމުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުވާ ވިސްނުންފުޅަކީ ރައްޔިތުންނާ ގާތުން ހިދުމަތްތައް ލިބޭނެ މަގުފަހިކުރެއްވުމެވެ. އެ ވިސްނެވުމުގެ ތެރެއިން ޑައިލަސިސް ހިދުމަތާއި ލެބޯޓަރީ ހިދުމަތް އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުން ފުޅާކުރަމުންދާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު