ENGLISH

29 މާރިޗު 2026

Advertisement

ހޫނުގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

29 މާރިޗު 2026

|

އައިމިނަތު ޝަފާ

ސްކޫލް ދަރިވަރުންތަކެއް - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހޫނުގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ސްކޫލްތަކުން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއާ ގާތްކުރާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރުމާއެކު މި ދުވަސްވަރު އެކްޓިވިޓީ ޔުނީފޯމުގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ސުކޫލުތަކުން ވަނީ އަންގާފަ އެވެ. 

ރާއްޖޭގައި މިހާރު އެންމެ ހޫނު ގަދަ ދުވަސްތައް ކުރިމަތިވަމުން އަންނަ އިރު، މި ދުވަސް މި މަހުގެ ނިޔަލަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި މި ދަނޑިވަޅުގައި ސްކޫލުން ވަނީ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އައްޑޫ ސިޓީގައި ހުންނަ އިރުޝާދިއްޔާ ސްކޫލުން އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންނަށް އިލްތިމާސްކޮށްފައިވެއެވެ.

"ކުދިން ސްކޫލަށް އަންނަނީ ރަނގަޅަށް ހައިޑްރޭޓްކޮށް، އެކަށީގެންވާ ވަރަށް ފެން ގެނެސް، ސީދާ އިރުގެ އަލިން ދުރުހެލިވިޔަ ނުދިނުމަށެވެ. މި ހޫނު މޫސުމުގައި އަޅުގަނޑުމެންގެ ދަރިވަރުން ރައްކާތެރި، ދުޅަހެޔޮ އަދި އަރާމު ދިރިއުޅުމެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން". އެ ސްކޫލުން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ހޫނު ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ވެސް ކަމާ ބެހޭ އިދާރާތަކުން އަންނަނީ ރައްޔިތުންގެ ސަމާލުކަމަށް ގެންނަމުން ނެވެ. 

  • ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖަހަންދެން، އަވީގައި އުޅޭމިންވަރު މަދުކުރުން
  • ކުޑައަޅައިގެން ބޭރަށް ނުކުމެ އުޅުން
  • ކުލަމަޑު، ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން
  • ބޮޑަށް ހިޔާވާކަހަލަ ފުޅާ ތޮތްޕެއް އެޅުން
  • ގިނަވަގުތު އަވީގައި ހޭދަކުރާ ނަމަ، SPF-15އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުން ކުރުން
  • ކަރުނުހިއްކި ނަމަވެސް ގިނައިން ފެންބުއިން
  • ހަކުރު އަދި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރުން
  • ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނު ބޭނުންކުރުން

އޭޕްރީލް މަހުގެ މެދަކާ ހަމައަށް މި ހޫނު ދެމިގެންދާނެ ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު