ENGLISH

29 މާރިޗު 2026

Advertisement

އިތުރު 6 ޕާކިން ބިލްޑިންގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: ވަޒީރު އަމީން

29 މާރިޗު 2026

|

ޢަލީ ޝަހީމް

ހުޅުމާލޭގައި އިމާރާތްކުރާ ޕާކިން ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވަޒީރު އަމީން ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މިއަދު ހުޅުމާލޭ ފޭސް އެކެއްގައި ފެށި ޕާކިން ބިލްޑިންގެ ޢަމަލީ މަސައްކަތަށް ފަހު، އިތުރު 6 ޕާކިން ބިލްޑިންގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރާ ޕާކިން ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޖެކްޓުގެ އުޞޫލުން ބެޗް ކޮންސްޓްރަކްޝަންއިން އިމާރާތްކުރާނީ ޒަމާނީ ވަސީލަތްތައް ހިމެނޭ ޕާކިން ބިލްޑިންއެއް ކަމަށެވެ. އަދި މަސައްކަތާ ޙަވާލުވި ބެޗް ކޮންސްޓްރަކްޝަނީ ޤާބިލް ކުންފުންޏެއް ކަމަށާއި، ކަނޑައަޅާފައިވާ 24 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ހުޅުމާލޭގައި ބެޗް ކޮންސްޓްރަކްޝަންއިން އަޅާ ޕާކިން ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން އަޅާ އިމާރާތުގައި ބޭސްމެންޓާއެކު 13 ފަންގިފިލާ ހުންނާނެއެވެ. މި އިމާރާތުގައި ހަތަރު ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދު އަދި ދެ ފުރޮޅުލީ 500 އަށް ވުރެ ގިނަ އުޅަނދު ޕާކުކުރެވޭނެއެވެ. އަދި، އުޅަނދުތައް އަރައިފޭބުމަށްޓަކައި، ރޭމްޕްތަކާއި ވެހިކަލް އެލިވޭޓަރު މި އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަަމަޖެހިފައެވެ.

ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހަތް ޕާކިން ބިލްޑިންގެ ތެރެއިން ބާކީ ހަ ބިލްޑިންގެ މަސައްކަތް ވެސް ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

"ހުޅުމާލޭގެ މާސްޓަ ޕްލޭނާ އެއްގޮތަށް ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޖެކްޓުގެ އުޞޫލުން ހުޅުމާލޭ ފޭސް އެކެއްގައި ތިން ޕާކިން ބިލްޑިން އަދި ހުޅުމާލޭ ފޭސް ދޭއްގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް ވަނީ ނިންމާ މަސައްކަތް ފެށުމުގެ މަރުޙަލާގައި. މިދެންނެވި ޕާކިން ބިލްޑިންތަކުގައި ޕްރައިވެޓް އަދި ޕަބްލިކް ޕާކިން ބިލްޑިންއަށް ޖާގަ ހިމެނިފައިވާނެ. މިގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަދި ދެފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ހިމެނިފައިވޭ " - ވަޒީރު މުޙައްމަދު އަމީން

މުހައްމަދު އަމީން ވިދާޅުވީ، މި ޕާކިން ބިލްޑިންތަކުގައި ސަރުކާރުން ޕްލޭނާ އެއްގޮތަށް، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އާއްމު ޚިދުމަތް ރާވާފައިވާ ފަރާތްތަކަށާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ވަކި އިންސައްތައެއް ކަނޑައަޅާފައިވާނެ ކަމަށެވެ. 

މިވަގުތު ސަރުކާރުން ޕްލޭންކޮށްފައިވާ ޕާކިން ބިލްޑިންތައް ނިމުމާއެކު މާލޭގެ މަގުތަކަށް އަމާންކަންލިބި ވެހިކަލް ރަޖިސްޓްރީކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އާއްމު ރައްޔިތުންނަށް ދަތިވާ މިފަދަ ކަންކަން ހައްލުކޮށްދެއްވައި ރައްޔިތުންނަށް ލުއިގޮތްތައް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް ވަޒީރު އަމީން ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި މި ހަތް ޕާކިން ބިލްޑިންގެ މަސައްކަތް ކުރުމުގައި، ދަތުރުފަތުރާ ބެހޭ ވުޒާރާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެރިންނާއި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު