ENGLISH

29 މާރިޗު 2026

Advertisement

ހުޅުމާލޭގައި އިމާރާތްކުރާ 13 ފަންގިފިލާގެ ޕާކިން ބިލްޑިންގެ ބިންގާ އަޅައިފި

29 މާރިޗު 2026

|

ޢަލީ ޝަހީމް

ހުޅުމާލޭގައި އިމާރާތްކުރާ 13 ފަންގިފިލާގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ. ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަޙައްދުގެ ޕާކިންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 7 ޕާކިން ބިލްޑިންގެ ތެރެއިން ފުރަތަމަ ޕާކިން ބިލްޑިންގެ ބިންގާ މިއަދު އަޅައިފިއެވެ.  

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަޅާ މި ޕާކިން ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުރުން މި އިމާރާތުގެ މަސައްކަތްކުރާ ބެޗް ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދު އަދި އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 

ހުޅުމާލޭގައި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން އަޅާ އިމާރާތުގައި ބޭސްމެންޓާއެކު 13 ފަންގިފިލާ ހުންނާނެއެވެ. މި އިމާރާތުގައި ހަތަރު ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދު އަދި ދެ ފުރޮޅުލީ 500 އަށް ވުރެ ގިނަ އުޅަނދު ޕާކުކުރެވޭނެއެވެ. އަދި، އުޅަނދުތައް އަރައިފޭބުމަށްޓަކައި، ރޭމްޕްތަކާއި ވެހިކަލް އެލިވޭޓަރު މި އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަަމަޖެހިފައެވެ.

ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރ ސަޢީދު، ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޕާކިން ބިލްޑިން ފަރުމާކުރީ ގިނަ ދިރާސާތަކަކަށް ފަހު ބައިނަލްއަގްވާމީ ގޮތުން މިފަދަ ޚިދުމަތްތައް ދޭގޮތަށް ބަލައިގެން ކަމަށެވެ.

އިމާރާތަށް ވަދެނުކުތުމާއި، އިމާރާތުގެ ތެރޭގައި ޓްރެފިކް ފްލޯ ބެލެހެއްޓޭނެގޮތްތައް ފަހިވެގެންދާނެކަމަށް ސަޢީދު ވިދާޅުވިއެވެ. 

ސަޢީދު ވިދާޅުވީ، ޕާކިން ޖާގަތަކުގެ އިތުރުން އިމާރާތް ފަރުމާކޮށްފައިވާނީ ކޮމާޝަލް ޖާގަތައް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން އުޅަނދުފަހަރަށް ބޭނުންވާ ޚިދުމަތްތަކާއި، ވިޔަފާރި ޔުނިޓްތަކާއި، ކުޅިވަރު ހަރަކާތްތައް ވެސް މި އިމާރާތުގައި ކުރިއަށްގެންދޭވޭނަކަމަށް ސަޢީދު ވިދާޅުވިއެވެ. މިއާއެކު އިމާރާތް ފަރުމާކުރީ "ލައިފްސްޓައިލް" އިމާރާތެއްގެ ގޮތުގައި ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި، އިމާރާތުގައި ޗާޖުކުރަން ބޭނުންވާ އުޅަނދުތަކަށް އެ ޚިދުމަތް ވެސް ލިބިގެންދާނެކަމަށް ސަޢީދު ވިދާޅުވިއެވެ. 

މާލެ ސަރަޙައްދުގެ ޕާކިން މައްސަލަ ޙައްލުކުރުމަށް، ހަތް ޕާކިން ބިލްޑިން އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މިއަދު، ބިންގާ އެޅީ އޭގެތެރެއިން ފުރަތަމަ އިމާރާތުގައެވެ. 

ކިޔުންތެރިންގެ ހިޔާލު