ENGLISH
29 މާރިޗު 2026
އައު ސަރުކާރަކަށް ބަޖެޓު ފާސްކުރަން ނުލިބުމަކީ މައްސަލައެއް: އާޒިމާ
29 މާރިޗު 2026
|
ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު. އައު ސަރުކާރަކަށް ބަޖެޓު ފާސް ކުރަން ނުލިބުމަކީ މައްސަލައެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރައްވާ. ފޮޓޯ؛ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
އައު ސަރުކާރެއް ވެރިކަމަށް އަންނައިރު އެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ބަޖެޓު އެކުލަވާލަނީ ހިނގަމުންދާ މަޖިލީހަކުންކަން ފާހަގަކުރައްވައި އައު ސަރުކާރަށް ބަޖެޓު ފާސް ކުރަން ނުލިބުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކުރި ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އާޒިމާ ވިދާޅުވީ އިދިކޮޅު ކޮންޓްރޯލް ކުރާ މަޖިލީހަކުން ބަޖެޓު އެކުލަވާލުމާއެކު ސަރުކާރުގެ ޕާފޯމަންސް ދައްކައި ވައުދު ފުއްދަން ފުރަތަމަ އަހަރުގެ ބޮޑު ބައެއް ގެއްލިގެންދާކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި އޮންނަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްކަމަކަށް އެއްވެސް ދައުރެއްގައި އިނގޭތޯ. ކޯލިޝަން ސަރުކާރަކަށް ބެލިޔަސް ރައްޔިތުންގެ ތާއީދު އޮންނަ ދެތިން މީހެއްގެ ބައިވެރިވުމާއެކު ސަރުކާރެއް ހޮވަނީ. އެމީހުންގެ މެދުގައި ހިޔާލުތަފާތުވާއިރަށް ދެ މީހުން އެއްބައިވެގެން މި ޖެހެނީ އަނެކަކު ބޭރުކުރަން. މިކަންކަން އެބަޖެހޭ ހަމަޔަކަށް އެޅެން. އެހެންވީމަ ސަރުކާރަކާއެކު އަންނަ މަޖިލީހަކުން ބަޖެޓު ކަނޑައެޅުމަކީ ލިބޭނެ ބޮޑު ކުރިއެރުމެއް" އާޒިމާ ވިދާޅުވި އެވެ.
އައު ސަރުކާރަކަށް ބަޖެޓު ފާސްކުރަން ނުލިބުމަކީ މައްސަލައެއްގެ ގޮތުގައި އާޒިމާ ފާހަގަކުރެއްވިިއިރު 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިމަނައިދިނުމަށް އޭރު އޮތް އެމްޑީޕީ ކޮންޓްރޯލުކުރި މަޖިލީހުގައި އެދިފައިވެއެވެ. ނަމަވެސް ބަޖކެޓު ފާސްކުރުުމުގައި ސަރުކާރަށް އެއްބާރުލުންދީފައި ނުވާތީ 2024 ވަނަ އަހަރު އެކީއެކަށް ގެއްލިފައިވާކަމަށް ސަރުކާރުން ބުނެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.