ENGLISH

29 މާރިޗު 2026

Advertisement

ގާނުނު އަސާސީއަށް ގެންނަ އިސްލާހުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް ބަދަލެއް ނާންނާނެ: އުޝާމް

29 މާރިޗު 2026

|

އައިމިނަތު ޝަފާ

ބަންޑާރަ ނާއިބު އަލްއުސްތާޒު އަހުމަދު އުޝާމް. ގާނުނު އަސާސީއަށް ގެންނަ އިސްލާހުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް ބަދަލު އަންނާނެކަމަށް ބުނެ ދެކެވޭ ވާހަކަތައް ވަނީ ދޮގުކުރައްވާފައި. ފޮޓޯ؛ ރައީސް އޮފީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމި ނަމަވެސް ގައުމުގެ ދުސްތޫރީ އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ބަންޑާރަ ނާއިބު އަލްއުސްތާޒު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކުރި ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އުޝާމް ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށެވެ. ރައްޔިތުންގެ ކިބައިން ބާރުތައް ލިބިގަންނަ ދުސްތޫރީ އެންމެ އަސާސީ ސިފައަކީ ރައްޔިތުންނަށް ލިބިދީފަ އޮންނަ އިންތިހާބު ތަކުގަ ވޯޓު ދިނުމުގެ ހައްގުކަން އެމަނިކުފާނު  ފާހަގަކުރެއްވި އެވެ. 

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ވެސް ރައްޔިތުންނަށް ލިބިދީފައިވާ ވޯޓު ދިނުމުގެ ހައްގަށް އުނިކަން ލިބޭނޭކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް އުޝާމް ވިދާޅުވި އެވެ. 

"ރައްޔިތުންގެ ކިބައިން ބާރުތައް ލިބިގަންނަ ދުސްތޫރީ އެންމެ އަސާސީ ސިފައަކީ ރައްޔިތުންނަށް ލިބިދީފަ މިއޮތް އިންތިހާބު ތަކުގަ ވޯޓު ދިނުމުގެ ހައްގު. ރައްޔިތުން އިންތިހާބު ތަކުގަ ވޯޓު ލައިގެން ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމުގެ ހައްގު. ރައްޔިތުން ވޯޓު ލައިގެން ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމުގެ ހައްޤު. ބޭސިކް އެއް އަސާސް ގާނޫނު އަސާސީގައި ކަނޑައަޅާފައި މިއޮތީ. މި އިސްލާހުގެ ސަބަބުން މިކަމަށް އެއްވެސް ބަދަލެއް އާދޭތޯ؟ އެއްވެސް ބަދަލެއް ނާންނާނެ". އުޝާމް ވިދާޅުވި އެވެ. 

މި އިސްލާހުގެ ސަބަބުން ބަދަލު އަންނާނީ އިންތިހާބީ އޮނިގަނޑަށް ކަމަށާއި މިކަމުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް ބަދަލެއް އަންނަކަމަކަށް އެއްވެސް ގޮތަކަށް ގަބޫލުފުޅު ނުކުރައްވާކަމަށް އުޝާމް ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައިވާ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓަށް އަހާނެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލު: 

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ 'ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު' ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގަރާރަކުން ނިންމަވާފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު