ENGLISH
31 މާރިޗު 2026
ހަނގުރާމައިގެ އަސަރު ރައްޔިތުންނަށް އިހުސާސްވާ މިންވަރު ކުޑަކުރެއްވުމަށް ރައީސް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން: ނާއިބު ރައީސް
29 މާރިޗު 2026
|
ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް. މިހާލަތުގައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންކަން އެމަނިކުފާނު ފާހަގަކުރެއްވި. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައިވެސް، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ރައްޔިތުންނަށް އިހުސާސްވާ މިންވަރު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދޫ އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގެ ބިންހިއްކުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޢުދުތައް ވެވަޑައިގެންނެވީ، ރައްޔިތުންނާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ސާބިތުކޮށްދެއްވުމަށްކަށާއި، މި ސަރުކާރުގެ ޅަފަތުގައި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ގޮންޖެހުންތަކާ އެކުގައިވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކުގެ އިތުރަށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް، އަދި ކުރިއަށް އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނޭ މަޝްރޫޢުތައް، ޙިކުމަތްތެރިކަމާއި، ދުރުވިސްނުންފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ތަންފީޒުކުރައްވަމުންގެންދެވިކަން، ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.
ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައިވެސް، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ކުރާ އަސަރުތައް ރައްޔިތުންނަށް އިހުސާސްވާ މިންވަރު ކުޑަކުރެއްވުމަށްވެސް، އިޚުލާސްތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅުކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ދަތިތަކާއެކުވެސް ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ދަތިނުވާގޮތަށް ސަރުކާރުން އިގުތިސާދު މެނޭޖުކުރަމުން ގެންދާކަންވެސް ނާއިބު ރައީސް ފާހަގަކުރެއްވި އެވެ.
"ކުރިން ވެރިކަންކޮށްފަހުރި ފަރާތްތަކުން ނަގާފަހުރި ލޯނުތައް ދެއްކުމަށްޓަކައި އެކި ދިމަދިމާލުން ފައިސާ ހޯއްދަވައިގެން ދައުލަތުގެ އިޤްތިސާދު މެނޭޖްކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް އެމަނިކުފާނު އަންނަނީ ކުރައްވަމުން. މިއީ ދިވެހި ރައްޔިތުންނަށް އިޚްލާސްތެރި ވެރިއެއްކަން އަޅުގަނޑު ކެރިގެން ދަންނަވަން". ނާއިބު ރައީސް ވިދާޅުވި އެވެ.
ސަރުކާރުތަކުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރާ ދައުރުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ކުރީ ސަރުކާރުން އޭރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އިރު އޮތީ، އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ޕާޓީއެއްގެ އަޣުލަބިއްޔަތު އޮތް މަޖިލީހެއްކަން ހަނދާންކޮށްދެއްވައި، އެ މަޖިލީހުން، އެ ސަރުކާރުން އެދުނު ބަޖެޓު ފާސްކޮށްދީ، އެ މަޖިލީހުގެ މެންބަރުންގެ ތަހުޒީބުކަން ދައްކުވައިދިންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.