ENGLISH
28 މާރިޗު 2026
ވަށަފަރުގައިވެސް ލެބޯޓަރީގެ ޚިދުމަތް ފަށައިފި
28 މާރިޗު 2026
|
ހއ. ވަށަފަރުގައި ލެބޯޓަރީގެ ޚިދުމަތް ޞިއްޙި ވަޒީރު ފައްޓަވައިދެއްވަނީ. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ހއ. ވަށަފަރުގައި ޤާއިމުކުރި ލެބޯޓަރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ވަށަފަރުގައި އޮތް ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ރަސްމިއްޔާތުގައި ވަށަފަރު ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން، ވަށަފަރު ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައެއްނުވެއެވެ. ސަރުކާރުން އަންނަނީ މިއަހަރުތެރޭ މި ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ. ޞިއްޙީ ވުޒާރާއިން މިއަހަރަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް އަމާޒަކީ ވެސް ލެބޯޓަރީ ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމުކޮށް ރާއްޖޭގެ ކޮންމެ ރަށަކުން ލެބޯޓަރީގެ ޚިދުމަތް ލިބޭގޮތް ހެދުމެވެ.
ވަޒީރު ވަނީ ލެބޯޓަރީގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، ޞިއްޙީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ޚިދުމަތުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.
ވަޒީރު ނާޒިމް ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ވަށަފަރުގެ އިތުރުން އުތީމާއި މާރަންދޫގައި ވެސް ވަނީ ލެބޯޓަރީގެ ޚިދުމަތް ފައްޓަވައިދެއްވައިފައެވެ.
ވަށަފަރު ލެބޯޓަރީއަކީ މި ސަރުކާރުން ޤާއިމުކުރި 16 ވަނަ ލެބޯޓަރީއެވެ. ސަރުކާރުން ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރަނީ އަސާސީ ޚިދުމަތްތަކާއި އެހެނިހެން މުހިއްމު ޚިދުމަތްތައް ދެވޭވަރަށް އިންސާނީ ވަސީލަތްތައް ވެސް ތަރައްޤީކުރުމަށްފަހުއެވެ.