ENGLISH

28 މާރިޗު 2026

Advertisement

ފަރެސްމާތޮޑާ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

28 މާރިޗު 2026

|

ޢަލީ ޝަހީމް

ފަރެސްމާތޮޑާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވުން. ފޮޓޯ: އެމްޓީސީސީ

ގދ. ފަރެސްމާތޮޑާ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފިއެވެ. 

މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފްއެވެ. 

މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި، ފަރެސްމާތޮޑާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިސްމާއީލް ހަމީދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދިފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒުއާއި މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. 

ފަރެސްމާތޮޑާ މަގު ހެދުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. މި މަޝްރޫޢުގެ ދަށުން 11.25 ކިލޯމީޓަރުގެ 36 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި މަގުތަކުގައި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމަންޓް ހެދުމާއި، ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. 

މި މަޝްރޫޢަށް ސަރުކާރުން 255.21 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ. މަޝްރޫޢު ނިންމާލަން ދީފައިވަނީ 1140 ދުވަހުގެ މުއްދަތެކެވެ. 

އާބާދީގައި 2000 މީހުން ދިރިއުޅޭ ފަރެސްމާތޮޑާގެ މަގުތަކުގެ މައްސަލަތަ ބޮޑުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެގޮތުން، މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައިނެތުމާއެކު، ވިއްސާ މޫސުމެއް އަތުވެއްޖެ ނަމަ، މަގުތަކުގައި ދަތުރުފަތުރުކުރުމާއި އާއްމު ދިރިއުޅުމަށް އުނދަގޫތައް ކުރިމަތިވެއެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމާއެކު، ޒަމާނީ ފެންވަރުގެ ރަނގަޅު މަގުތަކެއް އެރަށަށް ލިބިގެންދާނެއެވެ. 

ނައިބު ރައީސްގެ ދަތުރުފުޅުގައި ފަރެސްމާތޮޑާގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށިއިރު، އެރަށުގެ ބިން ހިއްކުމާއި، ބަނދަރާއި، ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު