ENGLISH

28 މާރިޗު 2026

Advertisement

އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައިގެން ދުސްތޫރުގެ އަސާސީ ސިފައަކަށް ބަދަލެއް ނާންނާނެ: ދިޔާނާ

28 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު، ފޮޓޯ: ސަންގު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީން އެކަށައަޅާފައިވާ ދުސްތޫރީ އޮނިގަނޑަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ބައެއް ގާނޫނީ ވަކީލުން ގާނޫނުއަސާސީއަށް މިހާރު ގެނެސްްފައިވާ އިސްލާހަކީ ގެނެވޭނެ އިސްލާހެއް ނޫންކަމަށް ވިދާޅުވާތީ ދިޔާނާވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ދިޔާނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ އޮތީ ތިން ހާލަތެކެވެ. 

އެގޮތުން ފުރަތަަމަ ހާލަތެއްގެ ގޮތުގައި ދިޔާނާ ފާހަގަކުރެއްވީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ވަކި މާއްދާއަކީ އެއްގޮތަކަށްވެސް ބަދަލުނުކުރެވޭނެ މާއްދާއެއް ކަމުގައި ކަނޑައެޅުމެވެ. ބައެއް ގައުމުތަކުގައި އެގޮތަށް ވަކި މާއްދާތަކަށް ދާއިމީ ގޮތުން ހިމާޔަތް ދީފައި ހުންނަކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި އެފަދަ މާއްދާއެއް ނެތް ކަމަށެވެ. 

ދެން ގާނޫނުއަސާސީއަށް އިސްލާހުނުގެނެވޭނެ ގޮތަކީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ބަދަލުނުކުރެވޭނެކަމަށް ކަނޑައެޅުމަށް، އެކަމަށް ބާރުދޭ ޑޮކްޓްރިންއެއް ނުވަތަ ދުސްތޫރީ އުސޫލެއް ރާއްޖޭގެ ކޯޓުތަކުން ވުޖޫދަށް ގެނައުންކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ އެފަދަ އުސޫލެއް ރާއްޖޭގެ ކޯޓުތަކުން މިހާތަނަށް އެކަށައަޅާފައި ނެތް ކަމަށެވެ. އަދި ދިޔާނާ ވިދާޅުވި ގޮތުގައި ކޯޓުތަކުން އެފަަދަ އުސޫލެއް އެކަށައެޅުމުގައި ކޯޓުތަކުގެ ބާރުގެ އިން ފަހަނައަޅައިދިއުންކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

ތިންވަނައަށް ގާނޫނުއަސާސީއަށް ބަދަލުނުކުރެވޭނެ ހާލަތަކީ އެތައް ޒަމާނަކަށް ގާނޫނުއަސާސީއަށް އަމަލުކޮށް، އެ ހުރިހާ ދުވަސްތަކެއްގެ ތެރޭގައިވެސް ގާނޫނުއަސާސީގެ ވަކި މާއްދާއަކާ އެއްގޮތަކަށްވެސް ނުކުޅެ އެ މާއްދާއެއް ބަދަލުނުކޮށް ބޭއްވުންކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދީން ބަޔާންކުރާ މާއްދާއަކީ މުސްތަގުބަލުގައި އެފަދަ މާއްދާއެއްގެ ގޮތުގައި ބަލައިގަނެވިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނުއަސާސީގެ އޮނިގަނޑަށް އަންނަ ބަދަލެއްތޯ ބައްލަވައިލައްވަމުން ދިޔާނާ ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ދިވެހި ދައުލަތުގެ އަސާސީ ސިފަތަކަށް ނުވަތަ ބާރުތަކުގެ އިންތަކާއި ހުދޫދުތަކަށް އެއްވެސް ބަދަލެއް މި އިސްލާހުގެ ސަބަބުން ނާންނާނެ ކަމަށެވެ. 

"މިއީ އަދިވެސް ޔުނިޓަރީ ދައުލަތެއް އިނގޭތޯ މިބަދަލުގެނަޔަސް، މިއީ ޖުމްހޫރިއްޔަތެއް، ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަނީއެއް ނޫން، އެއްވެސް ބާރެއްގެ ހުދޫދަށް އުނިކަމެއް އަންނަނީއެއް ނޫން. ދެދުވަހު ބޭއްވިޔަސް އެއް ދުވަހު ބޭއްވިޔަސް އިނގޭތޯ ދެ އިންތިހާބެއް މިއޮންނަނީ. އަދިވެސް ރައީސްވެސް މަޖިލިސްވެސް ހޮވަނީ ވޯޓު އަޅައިގެން،" ދިޔާނާ ވިދާޅުވިއެވެ. 

ދިޔާނާ އިތުރަށް ވިދާޅުވެފައިވަނީ މި ބަދަލުގެ ސަބަބުން ޖަވާބުދާރީވަނިވި ރައްޔިތުންގެ މަޖިލީހެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ތަސައްވުރުކުރާ ގޮތަށް ބާރުތައް ތަރުތީބުކޮށް އެއްބާރު އަނެއް ބާރުގެ މެދުގައި ޖަވާބުދާރީކުރުވުމާއި ފާރަވެރިވުމުގެ ގުޅުމެއް ބިނާވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު