ENGLISH
28 މާރިޗު 2026
ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ބަނދަރުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި
28 މާރިޗު 2026
|
ގދ.ފަރެސްމާތޮޑާގެ ބިން ހިއްކުމާއި، ބަނދަރުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެންމެ މަޤްބޫލު
ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި، ބަނދަރާއި، ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ފައްޓަވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި، ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝަރަފް ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އިސްމާއިލް ހަމީދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، މުހައްމަދު ޖަމްޝީދުގެ އިތުރުން ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް އާއި މުއައްސަސާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫގެ ދަށުން، 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 142.67 މިލިއަން ރުފިޔާއަށް 270 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މީގެ އިތުރުންވެސް މި ބަނދަރު ހެދުމުގެ މަޝްރޫގެ ދަށުން 465،726 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފަޅާއި ނެރު ފުންކުރުމާއި، އެއްގަމު ތޮށިލުމާއި، ރިވެޓްމެންޓް ޖެހުމުގެ އިތުރުން، ޖިއޯބޭގް ޖެހުން، ޕޭވްމަންޓް ހެދުން އަދި 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 226.18 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
ދެހާސް މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާ އަކީ މަސްވެރި ރަށަކަށް ވުމާއެކު ބަނދަރުގެ ދަތިކަމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިކަމަށް ހައްލެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން ހެދުމަށް މިފެށި ޖާގަ ތަނަވަސް ބަނދަރުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއާއެކު ބޯހިޔާވަހިކަމަށް ވެސް އެދެވޭ ހައްލެއް ލިބޭނެއެވެ.