ENGLISH

28 މާރިޗު 2026

Advertisement

އަމާޒަކީ ތިން ހަފުތާގެ ތެރޭގައި ގިރާވަރު ފަޅުން ގޯތި ހަވާލުކުރަން ފެށުން: މުއްޠަލިބް

28 މާރިޗު 2026

|

އައިމިނަތު ޝަފާ

ވަޒީރު މުއްތަލިބް މީޑިއާތަކަށް މައުލޫމާތުދެއްވަނީ. ތިން ހަފުތާގެ ތެރޭގައި ގިރާވަރު ފަޅުން ގޯތި ހަވާލުކުރަން ފެށުމަކީ އަމާޒެއްކަމަށް ވިދާޅުވި.

މިވަގުތު އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދަނި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރުން ކަމަށާއި، ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބިން ހިއްކައި ނިންމައި ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ އެކިއެކި މަޝްރޫޢުތަކުގެ ތެރެއިން، ގްރޭޓަރ މާލޭ އޭރިއާގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު  ވަނީ ބައްލަވާލައްވައިފަ އެވެ. ރައީސާއެކު އެ ސަރަހައްދުގައި ހުންނަވައި މިޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ދިނުމަށް އެކަށީގެންވާ މިންވަރަށް ބިން ނެތުމާއެކު އިތުރަށް ބިން ހިއްކައި، ގޯތި ލިބިފައިވާ އެންމެނަށް ގިރާވަރުފަޅުން ބިން ލިބޭނެ ގޮތް މަގުފަހިކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ގިރާވަރުފަޅުން ގޯތި ދޭން ވެގެން ހާދާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އަރބަން ސިޓީއަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ނޫން ކަން ފާހަގަކުރައްވަމުން އެޕްލޭނަށް ބަދަލު ގެނައި ނަމަވެސް އެއީ ސަރުކާރުން އެންމެ ބޭނުންވާ ގޮތަށް އޮތް ޕްލޭނެއް ނޫންކަންކަމަށް ވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު އެއްބައި ހިއްކަން ފަށާފައިވާ ތަނެއް. އެހެންނަމަވެސް އޭރުގެ އިންތިޚާބުގެ ތެރޭގައި 5000 އެއްހައި ގޯތި މިތަނުން ދީފައި އެބައޮތް. ދެން މި ސަރުކާރު ހަވާލުވެގެން ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭން ތެރޭގައި ޕޯޓް ދިނުމަށްޓަކައި ކަނޑައަޅާފައިވާ ވަރަށް ބޮޑު ބިމެއް ގޯތި ދިނުމަށް ބަދަލުކޮށްފައި މިކޮޅުން 1100 އަށް ވުރެ ގިނަ ގޯތި އެތަނަށް ބަދަލުކޮށްފައި ދެން ވެސް އަޅުގަނޑުމެންނަށް އަރބަން ސިޓީއެއް ގޮތުގައި މީހުން ދިރިއުޅެވޭނެ ގޮތަކަށް ނޫން ޕްލޭން ހަދާފައި އޮތީ. އެއަށް ވުރެ މާގިނަ ގޯތިތައް އެތަނުން ދޫކޮށްފައި އޮތީ". އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް

މިމަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

"ވީހާވެސް އަވަހަކަށް ތިން ހަފްތާ ތެރޭ ބިން ހިއްކައި ނިމުނީމައި ސާވޭކޮށް ގޯތިތައް ހަވާލުކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ އެއާއި އެއްކޮށް މިތަނުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގާ އަދި މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރާނަން. އެހެންނަމަވެސް މިހާރު ފޯކަސް. އަކީ އެބަޔަކަށް ލިބޭ ގޯތި ކަޑަޖާފައި އެބަޔަކާއި ހަވާލުކުރުން، އަޅުގަނޑުމެން ހަމަ ބިން ހިއްކައި ނިމޭއިރަށް ރަޖިސްޓްރީ މަސައްކަތް ފަށާނަން. ރަޖިސްޓްރީވާ ވަރަކަށް ސާވެކޮށްގެން ބިން ހަވާލުކުރަމުން ދާނަން". އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާއިރު، ކުރިއަށް އޮތް އޭޕްރިލް މަހުގެ ނިޔަލަށް މަސައްކަތް މުޅިން ނިންމާލެވި، ސަރވޭކޮށް ނިންމައި، ޖޫން މަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފަހުން ހާމަކުރައްވާފަ އެވެ. 

ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ގިރާވަރު ފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22000 ކިއުބިކް މީޓަރުގެ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު