ENGLISH
28 މާރިޗު 2026
ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
28 މާރިޗު 2026
|
ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ އެކިއެކި މަޝްރޫޢުތަކުގެ ތެރެއިން، ގްރޭޓަރ މާލޭ އޭރިއާގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދު الله މުއްތަލިބާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ.
ރައީސް އޮފީހުން ބުނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ކުރެއްވި މި ޒިޔާރަތުގައި، މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާކަމަށެވެ. އަދި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކާއި، ވެލި އެޅުމުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވާލެއްކަމަށް އެ އޮފީހުން ވަނީ މައުލޫމާތުދީފަ އެވެ.
އެމް.އޭ.ސީ.އެލް އާ ހަވާލުކޮށްގެން މިހާރު ކުރިއަށްގެންދާ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފަ އެވެ.
އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓަޑް (އެމް.އެފް.އެމް.ސީ)ގެ ދަށުން، ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށް، އެކު ޖުމުލަ 167.15 ހެކްޓަރުގެ ބިން، ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައި ވާއިރު، މިހާތަނަށް 105 ހެކްޓަރު ވަނީ ހިއްކާނިމިފަ އެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާއިރު، ކުރިއަށް އޮތް އޭޕްރިލް މަހުގެ ނިޔަލަށް މަސައްކަތް މުޅިން ނިންމާލެވި، ސަރވޭކޮށް ނިންމައި، ޖޫން މަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމުގައި، މި މަހުގެ 21 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ގިރާވަރު ފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފަ އެވެ. ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22000 ކިއުބިކް މީޓަރުގެ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެން ނެވެ.