ENGLISH
28 މާރިޗު 2026
ވިލިމާލޭގައިވެސް 5 ޓެކްސީ ގެނެސް ރައްޔިތުންނަށް އެހިދުމަތް ދެވިގެންދާނެ: މިނިސްޓަރ މުއްތަލިބް
28 މާރިޗު 2026
|
ސަރުކާރުގެ ޓެކްސީ ލައިނަށް މާލެ ގެނައި ކާރުތައް. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ސަރުކާރުން ތައާރަފުކުރާ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ފަސް ކާރާއެކު ދިނުމަށް ހަމަޖެހިފައިވާ ކަމަށް، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ، ބީއެމްއެލްއިން ވިލިމާލޭގައި އަޅާ 300 އަގުހެޔޮ ފްލެޓްގެ ބިންގާ އެޅުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގެ ރައްޔިތުންނަށް ދޭނީ ފަސް ކާރު ބޭނުންކޮށްގެން ކަަމަށެވެ. ޓެކްސީ ލައިންގައި ބޭނުންކުރަނީ އިލެކްޓްރިކް ކާރުތައް ކަމަށްވާތީ، އެއީ ތިމާވެއްޓާ ރައްޓެރި އަދި ހަމައެކަނި އިލެކްޓްރިކް ވެހިކަލްތައް ދުއްވާ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހައެއްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށޭއިރުގައި، މިރަށުގައި (ވިލިމާލޭގައި) ވެސް އޭގެ 5 ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ހިދުމަތް ދެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ ހަފްތާގައި، މާލެ ސަރަހައްދުގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ނިންމާފައިވާއިރު، އެ ހިދުމަތަށް ބޭނުންކުރާނީ ޖުމްލަ 150 ކާރެވެ.
އެކަމަށް ހާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު ޓެކްސީ ލައިންގެ ހިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ޓެކްސީ ލައިންގެ ނަންބަރު (1655) ވެސް މިހާރު ވަނީ ތައާރަފްކޮށްފައެވެ.
މާލޭ ސަރަަހައްދުގައި ސަރުކާރުގެ ފަރާތުން ޓެކްސީގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެގޮތުން މިދިޔަ ހަފްތާގައި ވަނީ އެހިދުމަތް ދިނުމަށް ބޭނުންނާ އިލެކްޓްރިކް ކާރުތައް މާލެ ގެންނަން ފަށައި، އަންނަ މަހު ޓެކްސީ ލައިންގެ ހިދުމަތްތައް ރަސްމީކޮށް ފެށުމަށް ނިންމާފައެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ގާއިމުކޮށް ޓެކްސީގެ ހިދުމަތް ދޭން ނިންމީ، މާލޭ ސަރަހައްދުން ޓެކްސީ ހޯދުމުގައި އާންމުންނަގެ ކަންބޮޑުވުން ހުރުމާއެކު އެކަމަށް ހައްލެއް ގެނެސް، ޒަމާނީ ފެންވަރުގެ ޓެކްސީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.