ENGLISH
28 މާރިޗު 2026
މި ފަސް އަހަރު ނިމޭއިރު ވިލިމާލެއިން ހުޅުމާލެއާއި މާލެއިން ލިބޭ ހުރިހާ ފަސޭހައެއް ލިބޭނެ: މުއްތަލިބު
28 މާރިޗު 2026
|
އިމާރާތްކުރުމާއި ގެދުރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުއްވުމުގެ ސިޔާސަތުގެ ދަށުން މި ފަސް އަހަރު ނިމޭއިރު މާލެއާއި ހުޅުމާލެއިން ލިބޭ ހުރިހާ ފަސޭހަތަކެއްް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ބީއެމްއެލްއިން ތަރައްގީކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބުރާސްފަތިދުވަހުގެ ރޭ އެ އަވަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ވިލިމާލޭ ރައްޔިތުންގެ ޝަކުވާތައް މި ސަރުކާރަަށް އަޑުއިވޭކަމަށާއި، އެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކާއި ދަތިތައް މި ސަރުކާރަށް ފެންނަ ކަމަށެވެ.
އެގޮތުން ވިލިމާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި އެކިކަހަލަ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ އެކި މަސައްކަތްތައް ފާހަގަކުރައްވައި، އެ މަސއްކަތްތަކާ ގުޅިގެން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ވަޒީރުގެ ވާހަކަފުޅުގައި ރައްދުދެއްވިއެވެ.
އެއިން އެއްކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ވިލިމާލޭގައި ދިހަ ބުރިއަށް ގެދޮރު އިމާރާތްކުރުމަށް ހުއްދަދެއްވަން ރައީސް ނިންމެވި ނިންމެވުމެވެ. އެކަމުގައި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ނުވިސްނެނީ ބޯހިޔާވަހިކަން ހޯދުމުގައި އެ އަވަށުގެ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި އެކަމުން އަރައިގަތުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރުކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.
"ނަމަވެސް މިއީ ވިލިމާލޭގެ އާއިލާތަކަށް ދިމާވެފައިވާ ދަތިތަކަށް މަނިކުފާނު ގެނެސްދެއްވި ނުހަނު ބޮޑު ބަދަލެއް. މި ބަދަލާއެކު އެތައް ފުރުސަތެއްވަނީ ފަހިވެފައި. ބޭންކް ފައިނޭންސް ނުލިބިގެން ނުހެދިހުރި އެތައް ގެތަކަށް އެ ފުރުސަތުވަނީ ފަހިވެގެން ގޮސްފަައި. އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައި،" ވަޒީރު ވިދާޅުވިއެވެ.
ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރައްވަން ނިންމެވުމުން އެކަމަށް ފާޑުކިޔާ މީހުންނަށް ނޭނގެނީ އެ އަވަށުގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބެން ނެތުމުން އެ ރަށުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކާއި ތަހައްމަލުކުރާ ދަތިތައް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އަދި ޑރ.މުއްތަލިބު ވިދާޅުވީ ޒަމާނީ ފެންވަރަށް ވިލިމާލޭގެ މަގުތައް ތަރައްގީކުރެއްވުމަށް ރައީސް ނިންމަވާފައިވާތީ އެކަމަށް ފާޑުކިޔާ މީހުންނަށް ނުވިސްނޭ ކަމަކީ، ސަރުކާރުން އެ އަވަށުގެ މަގުތައް ތަރައްގީކުރާނީ ރައްޔިތުން އެދޭ ގޮތަށް އެ ރަށުގެ ފެހިކަމާއި ހިތްގައިމުކަން ނުގެއްލޭ ގޮތަށްކަން ކަމަށެވެ.
"މަނިކުފާނު މިރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހައްދަވާ ވާހަކަ ވިދާޅުވުމުން ފާޑުކީ މީހުން ތިބި. އެމީހުންނަށް ނޭނގޭކަމަކީ ރައްޔިތުން އެދޭ ގޮތަށް، ސަރުކާރުން މަގުތައް ތަރައްގީކުރާނީ މިރަށުގެ ފެހިކަމާއި ހިތްގައިމުކަން ނުގެއްލޭ ގޮތަށްކަން،" މުއްތަލިބު ވިދާޅުވިއެވެ.
އެ ރަށުގައި ފުލެޓު އަޅާތީ ފާޑުކިޔާ މީހުންނަށް ރައްދުދެއްވަމުން ޑރ.މުއްތަލިބު ވިދާޅުވީ ތަރައްގީގެ ކަންކަން ރާވާއިރު މިހާރުގެ ހާލަތަށް ބަލައި މުސްތަގުބަލުގައި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރަންޖެހޭ ކަމަށެވެ. ހުޅުމާލޭގައި އަޅާ 300 ހައުސިން ޔުނިޓަކީ އެގޮތަށް އެ ރަށުގެ ރައްޔިތުންގެ ދިރުއުޅުމަށް ބޮޑު ކުރިއެރުމެއް ގެންނާނެ މަޝްރޫއެއް ކަމުގައި ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ފަށާ ސަރުކާރުގެ ޓެކްސީ ލައިނުގެ ތެރެއިން 5 ޓެކްސީއެއް އެ ރަށުގައި އޮޕަރޭޓުކުރާނެކަން މިނިސްޓަރުވަނީ އިއުލާނުކުރައްވާފައެވެ. އެ ކާރުތަކަކީ އިލެކްޓްރިކް ކާރުތަކަކަށްވުމުން އެ ރަށުގެ މާހައުލުގެ ހިތްގައިމުކަމަށް އުނިކަމެއް ނައިސް އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މިފަސް އަހަރު ނިމޭއިރު ވިލިމާލެވާނީ ވަޒީފާއާއި ތައުލީމީ ފުރުސަތުތަކާއި، ރަނގަޅު ފެންވަރުގެ ހިދުމަތްތައް ލިބޭ، މާލެއާއި ހުޅުމާލެއާ އެއްހަމައިން ފުރުސަތުތައް ފަހިވެފައިވާ ރަށަކަށް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.