ENGLISH
28 މާރިޗު 2026
ހުޅުމާލެ ކުޅިވަރު އެކުވެނި ހުޅުވައިފި
28 މާރިޗު 2026
|
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރި ކުޅިވަރު އެކުވެނި.
އެންމެ މަޤްބޫލު
ތަފާތު ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން- އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި އެވެ.
ހުޅުމާލެ ކުޅިވަރު އެކުވެނި ގާއިމްކޮށްފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ހުޅުވި ޞަލާޙުއްދީން ސްކޫލާ ދިމާލުން އޮންނަ ހުސް ބިމުގަ އެވެ.
އެކި ކަހަލަ ކުޅިވަރުތައް ކުޅުމަށް ހާއްސަ ކޯޓުތަކާއި ޕިޗުތައް ހިމަނާފައިވާ މި އެކުވެނި ހުޅުވުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިތަން ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ޙުސައިން ޝަރީފާއި އެޗްޑީސީގެ އިސްވެރިން އަދި ބައެއް ކުޅިވަރު އެކަޑަމީތަކުގެ މެމްބަރުން ބައިވެރިވެފައިވެ އެވެ.
މި އެކުވެނީގައި، ބަށި ކޯޓަކާއި، ވޮލީ ކޯޓު، ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް ހިމެނެ އެވެ. ކުޅިވަރު އެކުވެނިއާއެކު ކުޅިވަރު އާއިލާއަަށް ކުޅިވަރު ކުޅޭނެ ދަނޑު ހޯދުމުގައި މިހާރު ކުރިމަތިވަމުން އަންނަ ދަތިތަކަށް ނިމުމެއް އަންނާނެކަމަށް އެޗްޑީސީން ބުނެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގައި، ކުޅިވަރު އަދާކުރާ ދައުރު ބޮޑުކުރުން އެއީ މި ސަރުކާރުގެ ސިޔާސަތުކަމަށް ވިދާޅުވެފަ އެވެ. ވުމާއެކު މިއީ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތެއްގައި ތިބުމަށްވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޗްޑީސީން ދެކެއެވެ.