ENGLISH
28 މާރިޗު 2026
މި އަހަރުގެ މެދު ތެރޭ ވިލިމާލޭ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފަށަނީ
28 މާރިޗު 2026
|
ވިލިމާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގެ ކުރެހުމެއް
އެންމެ މަޤްބޫލު
ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި ތަރައްގީކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި ބޭންކް އޮފް މޯލްޑިވްސްގެ ހަރަދުގައި ތަރައްގީކުރާ 300 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ފާއިތުވި ބުރާސްފަތިދުވަހު އެ އަވަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެ ހޮސްޕިޓަލު އެޅުމަށް ނިންމުމުން އެކަމާ ދެކޮޅުހެދި ބަޔަކުވެސް ތިބި ކަމަށެވެ. އެކަމާ ދެކޮޅުހަދާ މީހުންނަށް ނުވިސްނޭ ކަމަކީ އެފެންވަރުގެ ހޮސްޕިޓަލެއް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ ވިލިމާލެއިން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބެންނެތުމުން އަސާސީ ސިއްހީ ހިދުމަތްތައް ހޯދުމަށްވެސް ކަނޑު ހުރަސްކޮށް މާލެއަށް ދާންޖެހޭ ޖެހުމަކީ އެ އަވަށުގައި ދިރިއުޅޭ ރައްޔިތުން އުފުލަމުންދާ ބޮޑު ތަކުލީފެއް ކަމަށެވެ.
12،890 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް އަންނަ ޖުލައި މަހު ނުވަތަ އޯގަސްޓު މަހު ފެށޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. މި ހޮސްޕިޓަލުގައި ކުއްލި ފަރުވާގެ ހިދުމަތްތަކަށް ބޭނުންވާ ތަންތަނާއި، މެޑިކަލް ވޯޑުތަކާއި، އިދާރީ އޮފީސްތަކަށް ހާއްސަ ޖާގަތައްވެސް ހުންނާނެއެވެ.
މި ހޮސްޕިޓަލުގެ އިމާރާތް އެޅުމާއެކު، އެތަނުގައި ފޯރުކޮށްދޭ ހިދުމަތްތަކަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައްވެސް އެ ހޮސްޕިޓަލުގައި ގާއިމުކޮށް، އެތަނަަށް ބޭނުންވާ ފަރުނީޗަރުވެސް ޗައިނާ ސަރުކާރުން ފޯރުކޮށްދޭނެ ކަމުގައި ސަރުކާރުން ބުނެފައިވެއެވެ.
ވިލިމާލެއަށް ކުރިމަތިވެފައިވާ ސިއްހީ ހިދުމަތުގެ މައްސަލަތައް ހައްލުކޮށް، އެ އަވަށުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ އަވަށު ރައްޔިތުންނަށް ވެވަޑައގެންފައިވާ ވައުދުފުޅެކެވެ.