ENGLISH

27 މާރިޗު 2026

Advertisement

ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކައުންސިލްތައް ހަރުދަނާވެ، ފެންވަރު އިތުރަށް ރަނގަޅުވާނެ: އާދަމް ޝަރީފް

27 މާރިޗު 2026

|

އައިމިނަތު ޝަފާ

ވަޒީރު އާދަމް ޝަރީފް އުމަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމު ބާރުވެރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކައުންސިލްތައް ހަރުދަނާވެ، ކައުންސިލްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ ސިޔާސަތެއް ކަމަށެވެ.

މި ސިޔާސަތުގެ ދަށުން ކުރެވެމުންދާ މަސައްކަތްތައް ވެސް ވަޒީރު ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ބައުވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް އައު ކުރުމުގެ މަސައްކަތްތަކާއި، ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްވެސް  ކުރަމުންދާ މުހިންމު ކަންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ވަޒީރު ވިދާޅުވީ ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ، ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށާއި މިފަދަ މަސައްކަތްތަކުގެ ސަބަބުން، ލޯކަލް ކައުންސިލްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ. 

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއްދީގެ މަސައްކަތްކުރަމުންނެވެ. 

މި ނިޒާމު ބާރުވެރިކުރުވައި ރައްޔިތުންނާ ގާތުން، ރައްޔިތުން ބައިވެރިކޮށްގެން ވެރިކަން ހިންގެވުމުގެ ނަމޫނާ ރައީސް ޑރ. މުއިއްޒު ގެންދަވަނީ ދައްކަވައިދެއްވަމުންކަމަށް މީގެ ކުރިން ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު