ENGLISH
27 މާރިޗު 2026
ހަނގުރާމަ ހުއްޓަން ގޮވާއިރު އެމެރިކާގެ ބަހާއި އަމަލު ދިމަލެއް ނުވޭ: އަރާގްޗީ
27 މާރިޗު 2026
|
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަދި ތުރުކީގެ ހާރިޖީ ވަޒީރު.
އެންމެ މަޤްބޫލު
ހަނގުރާމަ ހުއްޓަން އެމެރިކާއިން ގޮވާލާއިރު އެމެރިކާގެ ބަހާއި އަމަލު ދިމާ ނުވާކަމަށް ވިދާޅުވެ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަރާގްޗީ މި ފަދައިން ވިދާޅުވީ ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާންއާއެކު ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ދެ ބޭފުޅުންގެ ވާހަކަފުޅުތަކުގައި ސަރަހައްދީ މަސްލަހަތާއި، އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކުރެއެވެ.
މި ބައްދަލުވުމުގައި އަރާގްޗީ ވިދާޅުވީ އެމެރިކާގެ ސިޔާސަތުތަކުގައި ފުށުއެރުންތަކެއް އެބަހުރިކަމަށާއި އެގޮތުން އެއްކޮޅުން މަޝްވަރާއަށް ގޮވާލަމުން، އަނެއްކޮޅުން ސަރަހައްދަށް އަސްކަރީ ސާމާނާއި ސިފައިން ފޮނުވައި ހަމަލާތައް ކުރިއަށް ގެންދިއުމަކީ އެމެރިކާގެ ބަހާއި އަމަލު ދިމާނުވާކަމުގެ ހެއްކެއް ކަމަށެވެ.
އީރާނަކީ މި ހަނގުރާމަ ފެށި ގައުމު ނޫން ކަމަށް ވިދާޅުވެ، އީރާނުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމުގައި ފަސްނުޖެހޭނެ ކަން އަރާގްޗީ ވަނީ ހާމަކުރައްވާފަ އެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުންނާއި ސަރަހައްދީ ގައުމުތަކުން އެމެރިކާ އާއި އިސްރާއީލުގެ މި ޖަރީމާތައް ކުށްވެރިކޮށް، އެ ދެބައި މީހުން ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށްވެސް އަރާގްޗީ ވިދާޅުވި އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ އިސްވެއޮވެ ފެށި ހަނގުރާމައިގައި އެމެރިކާ އާއި އިސްރާއީލުން ދަނީ އީރާނުގެ އަސްކަރީ އަދި މަދަނީ ތަންތަނަށް ވައިގެ ހަމަލާތަކެއް ދެމުން ނެވެ.
ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން ދަނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން އިސްރާއީލުގެ ތަންތަނަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުން ނެވެ.
ހަނގުރާމައިގައި ލިބޭ ގެއްލުން ބޮޑުވެ އެމެރިކާއިން މިހާރު އަންނަނީ މަޝްވަރާއަށް ގޮވާލަމުންނެވެ. ނަމަވެސް އީރާނުން އަންނަނީ އެމެރިކާއާއެކު މަޝްވަރާކުރުމަށް އަދި ދެކޮޅު ހަދަމުން ނެވެ.