ENGLISH

27 މާރިޗު 2026

Advertisement

ޖޯކު ޖެހި މީހުން ކޮބާ؟ ބަންކަރިން ހިދުމަތުން 514 މިލިއަން ރުފިޔާގެ އާމްދަނީއެއް

27 މާރިޗު 2026

|

އައިމިނަތު ޝަފާ

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު. ފޮޓޯ؛ މަޖިލިސް އިދާރާ

ބަންކަރިން ހިދުމަތުން މިހާތަނަށް 514 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ހާމަކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިހަވަންދިއްޕޮޅުގައި މިޚިދުމަތް ފެއްޓެވި ދުވަހު އެކަމަށް ޖޯކު ޖެއްސެވި ބޭފުޅުން މިއަދު ކޮބައިތޯ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ސުވާލު ކުރައްވައިފި އެވެ. 

ދެ ހާސް ސައުވީސް ވަނަ އަހަރު ފެށި ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ. 

އެސްޓީއޯއިން ބުނީ 2024 ވަނަ އަހަރު އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ބަންކަރިންގެ ހިދުމަތުން 514 މިލިޔަން ރުފިޔާ އާމްދަނީއެއްގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި ޓެކުހުގެ ގޮތުގައި 47 މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް ބުންޏެވެ. 

މިކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ އެދުވަހުން ވެސް ޚަރަދު ކަނޑާފަ އެންމެ ޑޮލަރެއް ލިބުނު ނަމަވެސް މި މަޝްރޫއު ހިންގަން ބޭނުންވަނީ އިހަވަންދިއްޕޮޅުގައި ކަން ފާހަގަކުރެއްވި ކަމަށެވެ. 

މިއީ ރައީސް ޔާމީންވެސް ރައީސް އިބޫވެސް ހުސް އަނގަތަޅާފަ ނުވި ކަމެއް.

ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ މި ހިދުމަތުން 514 މިލިޔަން ރުފިޔާގެ އާމްދަނީއެއް ސަރުކާރަށް ހޯއްދަވައި ދެއްވުމަކީ ބޮޑު ކާމިޔާބީއެއްކަމަށާއި ދެން އޮތީ މިޚިދުމަތް ފުޅާކޮށް ތަރައްގީކުރުން ކަމަށެވެ. 

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަގްވާމީ ގޮތުން މިހިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ސަރުކާރުގެ އަމާޒަކީ މި ހިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މިހިދުމަތް ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު