ENGLISH
27 މާރިޗު 2026
ގެއްލުނު ދެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި
27 މާރިޗު 2026
|
ގެއްލުނު ދެ މީހުން ހޯދުމަށް ބެލި ސަރަހައްދު. ފޮޓޯ؛ އެމްއެންޑީއެފް
އެންމެ މަޤްބޫލު
މި މަހު 20 ވަނަ ދުވަހުގެ ރޭ ވ. އަތޮޅުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެމީހުން ހޯދުމަށް އިއްޔެއާ ހަމައަށް ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެރޭ ދަންވަރު 00:40 ހާއިރު ކެޔޮދޫގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު ބޭރުން ހިނގި މި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމަށް ވައިގެ މަގުން 2,544 އަކަ ނޯޓިކަލް މޭލު ބަލާފައިވާކަމަށެވެ. ކަނޑުގެ ސަތަހައިން 269 އަކަ ނޯޓިކަލް މޭލު ބަލާފައިވާއިރު، ކަނޑު އަޑިން (ޑައިވް ކޮށްގެން) 253,662.6 އަކަ މީޓަރުގެ ސަރަހައްދެއް ވެސް ބަލާފައިވާކަން އެމްއެންޑީއެފުން ވަނީ ހާމަކޮށްފަ އެވެ.
އެމްއެންޑީއެފުން ވަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާއިރު، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް އަންގައި ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ޖުމުލަ ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް އެ ލޯންޗު ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، އެ ރޭ ދަންވަރު 01:15 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ލޯންޗުގައި ތިބީ، އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ. އެ ހާދިސާގައި ފަސް މީހަކު ކަނޑަށް ވެއްޓުނުއިރު، އޭގެ ތެރޭގައި ހިމެނުނީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ.