ENGLISH

28 މާރިޗު 2026

Advertisement

ފުވައްމުލައް ސިޓީގައި ގަސް އާލާކުރާ ނާސަރީއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 މާރިޗު 2026

|

އާމިނަތު ނުޒްލާ

ފުވައްމުލައް ސިޓީގައި ގަސް އާލާކުރާ ނާސަރީއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: ޕެލަޖިކް ޑައިވާސް ފުވައްމުލައް

ރާއްޖެ ފެހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ދަށުން، ފުވައްމުލައް ސިޓީގައި ގަސް އާލާކުރާ ނާސަރީއެއް ގާއިމުކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލާއި ދެމުދު ވެވުނު އެއްބަސްވުމެކެވެ.

" ޏ. އަތޮޅު ނާސަރީ" ގެ ނަމުގައި ހުޅުވުމަށް ހަމަޖެހިފައިވާ ނާސަރީ ހިންގާނީ ވުޒާރާއާއި ކައުންސިލާއި ގުޅިގެންނެވެ. މި ނާސަރީ ހެނދުމަށް ބޭނުންވާ ސާމާނާއި ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ބެހޭ ވުޒާރާއިންނެވެ.

މި ނާސަރީގައި އާލާކުރާ ގަސްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފަސް މިލިއަން ގަސް މަޝްރޫއުގެ ދަށުން ފުވައްމުލައް އިތުރަށް ފެހި ކުރުމަށް ކަމަށް ތިމާވެށްޓާއި ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ފުވައްމުލައް ސިޓީގައި ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ގަބޫލުކުރެ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އާލާކޮށް، ތިމާވެށްޓާއި ރަށްޓެހި މާހައުލެއް ގާއިމްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ތިމާވެށީގެ ދުވަހު އިފްތިތާހުކޮށް ދެއްވި ޚާއްސަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ގަސް އިންދާފައިވާއިރު، 55 ރަށަކަށް ގަސް ހަދިޔާކޮށްފައިވެ އެވެ.

ދިވެހިރާއްޖެ އިތުރަށް ފެހިކޮށް، ނެތެމުންދާ ގަސްތައް އާލާކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ އެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު