ENGLISH

27 މާރިޗު 2026

Advertisement

ބެލާވިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ

27 މާރިޗު 2026

|

އައިމިނަތު ޝަފާ

މިއަހަރުގެ އޯގަސްޓު މަހުން ފެށިގެން ބެލަރުސްގެ ގައުމީ އެއާލައިން، ބެލާވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ.

މިއަހަރުގެ އޯގަސްޓު މަހުން ފެށިގެން ބެލަރުސްގެ ގައުމީ އެއާލައިން، ބެލާވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން އެ އެއާލައިނުން ހާމަކޮށްފި އެވެ. 

ބެލާވިއާ އެއާލައިންގެ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، ދުރު ރާސްތާގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަކީ ވަރަށް އުންމީދީ މާކެޓެކެވެ. އަޖުމަބެލުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި ފުރަތަމަ މަރުހަލާގައި ހަޔަކާއި އަށަކާ ދެމެދުގެ އަދަދަކަށް ފްލައިޓް ބޭއްވުމަށް ވަނީ ރާވާފަ އެވެ. މި ދަތުރުތަކުގެ ކާމިޔާބީއަށް ބަލައި، ކުރިއަށް އޮތް ތަނުގައި ދަތުރުތައް އިތުރުކުރުމާމެދު ގޮތްތަކެއް ނިންމާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. 

ދުނިޔޭގެ މަސްރަހަށް، ހާއްސަކޮށް މެދުއިރުމައްޗަށް ދިމާވެފައިވާ ނުތަނަވަސްކަމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާ މި ދަނޑިވަޅުގައި، ގިނަ އެއާލައިންތަކަކުން ދަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުން ނެވެ. އެގޮތުން ބްރިޓިޝް އެއާވޭޒްއިން ހަފްތާއަކު ކުރާ ދަތުރުތައް ތިނަކުން ހަތަރަކަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ. 

ސްވިޒަލޭންޑްގެ އެޑެލްވައިސް އެއާލައިނުންވެސް ވަނީ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް 20 ދަތުރު ކުރުމަށް ތާވަލުކޮށްފަ އެވެ. މީގެ އިތުރުން އެއާ އިންޑިއާއިން ވަނީ ދުނިޔޭގެ ވައިގެ މަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން މާޗު 10 އިން 18 އަށް އިތުރު 78 ދަތުރު ބާއްވާފަ އެވެ. މީގެ ތެރޭގައި ދިއްލީ އާއި މުމްބާއީ އިން މާލެއަށް ކުރި ދަތުރުތައް ހިމެނެ އެވެ. މި ދަތުރުތަކުގައި ބޭނުންކޮށްފައިވަނީ އޭ320 ނިއޯ މަރުކާގެ ބޯޓުތަކެވެ.

ރަޝިއާގެ އެއިރޯފްލޮޓް އެއާލައިނުންވެސް ވަނީ މޮސްކޯއިން މާލެއަށް ކުރާ ދަތުރުތައް އިތުރުކޮށްފަ އެވެ. މިއީ އެހެން އެއާލައިންތަކުގެ ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެ އެއާލައިނުން ބުނެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފާހަގަކުރާ ގޮތުގައި، ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދުވެސް ދަނީ އިތުރުވަމުން ނެވެ. އަދި ވިޒިޓް މޯލްޑިވްސްއިން ދަނީ އެއާލައިންތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މެދުނުކެނޑި މަސައްކަތް ކުރަމުން ނެވެ. މި ދަތުރުތަކާއެކު ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް މި ދަނޑިވަޅަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭކަމަށް ވިޒިޓް މޯލްޑިވްސް އިން އުއްމީދުކުރެ އެވެ. 

ކިޔުންތެރިންގެ ހިޔާލު