ENGLISH
27 މާރިޗު 2026
ހަލާލް ޓޫރިޒަމްގެ ލިސްޓަށް ށ. ފުށިފަރު އިތުރުކޮށް ބީލަމަށް ހުޅުވާލައިފި
27 މާރިޗު 2026
|
އެންމެ މަޤްބޫލު
ހަލާލު ޓޫރިޒަމް މޮޑެލްގެ ދަށުން ރިސޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި ށ.ފުށިފަރު ބީލަމަށް ހުޅުވާލާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ހަލާލު ޓޫރިޒަމް ހިންގުމަށްޓަކާ ދޫކުރާ ރަށްރަށުގެ ލިސްޓަށް މިހާރު ށ. ވަށަފަރު އިތުރުކޮށްފައިވާ ކަމަށެވެ.
ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީއިން ނެރެފައިވާ ބީލަން ފޮތުގެ ފުރެތަމަ އިސްލާހުގައިއެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ކަމަށްވެސް އެ ވުޒާރާއިން ބުނިއެވެ.
ހަލާލު ޓޫރިޒަމަށް ފުށިފަރުގެ އިތުރުން ތިން ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.
އެއީ ދ. މަކުނުދޫ: 200 ހެކްޓަރުގެ ބިން (150 އެނދު) ، ށ. ފުށިފަރު: 4.34 ހެކްޓަރުގެ ބިން (100 އެނދު) އަދި ލ. ފޮނަގާދޫ: 8.18 ހެކްޓަރުގެ ބިން (100 އެނދު) އަދިމީގެ އިތުރުން ސ. ދޮންހެރަ: 8.38 ހެކްޓަރުގެ ބިން (100 އެނދު) އެވެ.
މި ރަށްތައް 50 އަހަރަށް ކުއްޔަށް ދޫކުރާއިރު. އެއްބަސްވުމުގައި ސޮއިކުރާތާ 3 އަހަރު ތެރޭގައި ރިސޯޓް ހެދުމުގެ އަމަލީ މަސައްކަތް ފަށަންޖެހެއެވެ. އަދި މި ރިސޯޓުތައް ތަރައްޤީކުރުމަށް ބިން ހިއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ރިސޯޓު ހަދާ ފަރާތްތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދެއެވެ. އޭގެ ތެރޭގައި އިކުއިޒިޝަން ފީ އާއި ކޯސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތާއި، އިމްޕޯޓް ޑިއުޓީން %20 މައާފްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ މުއްދަތަށްވުރެ އަވަހަށް އޮޕަރޭޝަނަށް އަންނަ ރިސޯޓުތަކުގެ ބިމު ކުލިން ވެސް ލުއިތަކެއް ލިބޭނެއެވެ.
ފުށިފަރު މި ލިސްޓަށް އިތުރުވުމާ ގުޅިގެން، ބީލަން ފޮތް ގަތުމާއި ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން، 13 ސަރަހައްދެއްގައި ރިސޯޓު ހެދުމަށް ހުޅުވާލާފައިވާ ފުރުސަތު މިހާރު ވަނީ އަންނަ މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.