ENGLISH
27 މާރިޗު 2026
އީރާނުގެ ޝަޖަރޭ ތައްޔިބާ ސުކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
27 މާރިޗު 2026
|
އަންހެންކުދިން ކިޔަވާ އީރާނުގެ ޝަޖަރޭ ތައްޔިބާ ސުކޫލަށް ޔަހޫދީން ދިން ހަމަލާ. ފޮޓޯ؛ ރޮއިޓަރސް
އެންމެ މަޤްބޫލު
އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް އަމާޒުކޮށް ސަހުޔޫނީ ޣައިރު ގާނުނީ ޔަހޫދީ ދައުލަތުން ދީފައިވާ ހަމަލާގައި 168 ކުދިން މަރުވި މަރުވުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
"ބައިނަލްއަޤުވާމީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތަޢުލީމީ މުއައްސަސާތައް ހިމާޔަތްކުރުން: އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ވައިގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފު ބޮޑު އަމަލެއް" މި މައުޟޫއަށް ސްވިޓްޒަރލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކުއްލި ބަހުސްގައި ވާހަކަފުޅުދައްކަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ އިސްރާއިލްއާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ގަލްފްގެ ޤައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލެބަނަން މިހާރު އޮތް ނުރައްކާތެރި ޙާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދޭ އިސްރާއީލު ކަމަށް އެކަމަނާގެ ތަޤުރީރުގައި ފާހަގަކުރެއްވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ ޢަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ދިވެހިރާއްޖެއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާފައިވެ އެވެ.
މިއީ މި ހަފުތާގެ ތެރޭގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީގައި ތާވަލުކުރެވުނު ދެވަނަ ކުއްލި ބަހުސެވެ. ފުރަތަމަ ބަހުސް ބާއްވާފައިވަނީ 25 މާރިޗު 2026 ގައެވެ. އެއީ، 28 ފެބުރުވަރީ 2026 ގައި ސައުދީ ޢަރަބިއްޔާ، ޤަޠަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވައިތު، އޮމާން، ބަހްރެއިން، އަދި ޖޯޑަން އާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. މި ދެ ބަހުސްގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ ތަޤުރީރުކޮށްފައިވާކަން ހަރިޖިއްޔާއިން ފާހަގަކޮށްފައިވެއެވެ. އަދި، މި ތަޤުރީރުތަކުގައި، އ.ދ. ގެ މަންޝޫރަށާއި ބައިނަލްއަޤުވާމީ އެކި މުއާހަދާތަކަށް ރާއްޖެއިން ކުރާ އިޙްތިރާމާއި، އެ ކަންކަމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށް، ރާއްޖޭގެ ސިޔާސަތުތައް ބަޔާންކޮށްދީފައިވާކަން ހާރިޖިއްޔާއިން ވަނީ ހާމަކޮށްފަ އެވެ.