ENGLISH
27 މާރިޗު 2026
މީސްމީޑިއާގައި ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރު: ފުލުހުން
27 މާރިޗު 2026
|
މީސްމީޑިއާގައި އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރުން-- ފޮޓޯ: ވެކްޓީޒީ
އެންމެ މަޤްބޫލު
މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން މިއަދު އާއްމުކޮށްފައިވާ މަޢުލޫމާތުގައި ބުނީ، މިފަދަ މައްސަލަތަކުގެ ތެރޭގައި، މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނޭކަމަށެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ހުތުރުވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ފާހަގަކުރެވެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކުގައި އެ އިދާރާއަށް ފާހަގަކުރެވިފައިވަނީ، ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތައް، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ އަމަލުތަކެއް ކަމަށް ފުލުުހުން ބުނެފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އަނެކާގެ އަބުރު ނަގާލުމާއި، ބިރުދެއްކުމާއި ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ފޮޓޯ އަދި ވީޑިއޯ ބޭނުން ކުރަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިފަދަ އަމަލުތަކަކީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން ލިބެމުން އަންނަ ކަމަށެވެ. އަދި ހަަމައެއާއެކު އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ނުރައްކާ ބޮޑުކަންވެސް އެ ހިދުމަތުން ވަނީ ފާހަގަކޮށްފަ އެވެ.
މިފަދަ މައްސަލަތަކުގެ ޝިކާރައަކަށް ވުމުގެ ކުރިން، ކޮންމެ މީހަކުވެސް ސަމާލުކަން ދޭންޖެހޭނެ އަދި ކުރެވިދާނެ ކަންތައްތަކާ ގުޅިގެން، ރައްޔިތުން ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ފުލުހުންގެ އިދާރާއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި، ރައްކާކުރުމާއި، އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމަށެވެ.
އަމިއްލަ ޒާތީ މައުލޫމާތުތައް ނުވަތަ އެފަދަ މައުލޫމާތުތައް ހިމެނޭ ވީޑިއޯތަކަކީ އެހެންމީހަކަށް ހިއްސާކުރުމުގެ ސަބަބުން ތިމާގެ ބާރު ނެތި، އެހެންމީހަކު އޭގެ ބޭނުން ނާޖާއިޒުގޮތުގައި ހިފުމުގެ ފުރުސަތު އޮތް އެއްޗެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
ފުލުހުންގެ އިދާރާއިން އިތުރަށް ބުނެފައިވަނީ، ޒާތީ މައުލޫމާތެއް ބޭނުންކޮށްގެން ބިރު ދައްކާނަމަ، ވީ އެންމެ އަވަހަކަށް އެ އިދާރާއަށް މައްސަލަ ހުށަހެޅުމަށެވެ. މިދަފަ މައްސަލަތަކަކީ، އެ އިދާރާއިން އިސްކަމެއް ދީގެން އެފަރާތަތްކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ މައްސަލަތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، އިޖުތިމާއީ މިންގަނޑުތަކާއި އަހުލާގު ނަގަހައްޓައި، އަނިޔާ ލިބޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަންލިބި، އިތުރަށް ނިކަމެތިވާނެ ފަދަ އެންމެހައި އަމަލުތަކުން ދުރުހެލިވުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.