ENGLISH

29 މާރިޗު 2026

Advertisement

މެމްބަރުންގެ އަދަދު ހިފަހައްޓަން ހުށަހެޅީމަ ކޮށްލީ ބޭރު، އޭރު ހުރީ ކޯލިޝަނުގައި: ގާސިމް

27 މާރިޗު 2026

|

އައިމިނަތު ޝަފާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް. ސަރުކާރުން ގެންނަމުންދާ ބަދަލުތަކަށް ތާއީދުކަން ހާމަކުރެއްވި.

އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮތް އޮތުން ބަދަލު ކުރަން އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި 19 ވަނަ މަޖިލީހަށް ހުށަހެޅުއްވިކަމަށާއި އެ މައްސަލަ އެމްޑީޕީން މަޖިލީހުގެ ތަޅުމުން ބޭރުށްލި އިރު ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ އޮތް ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ދައުލަތުގެ މީޑިއާއިން ކުރިއަށްގެންދާ "ހޭލުން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޒަމާނާ އެއްގޮތަށް ގާނޫނަށް ބަދަލު އަންނަންޖެހޭކަމަށެވެ. އަބަދުވެސް ފެނިގެންދަނީ ވެރިކަމަށް އައުމަށް ގިނަ ކަންކަން އިސްލާހުކުރަން އެބަހުރި ކަން ރައްޔިތުންނަށް ދެއްކުމަށް ފަހު ބާރުވެރިކަން ލިބުމުން އެކަންކަން ހަނދާންނެތޭ މަންޒަރުކަމަށް ގާސިމް ވިދާޅުވި އެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިސްލާހުކުރުމުގެ ވާހަކައިން މިސާލު ނަންގަވައި ގާސިމް ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރުމަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދެއްކަމަށާއި ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމިގެންދިޔައިރު އެކަން ކުރެވިފައި ނުވާ ކަމަށެވެ. މީގެ އިތުރަށް އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮތް އޮތުން ބަދަލު ކުރަން ސީދާ އެމަނިކުފާނު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީމަ އެމްޑީޕީގެ ސްޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ އިސްލާހު ބޭރުކޮށްލާފައިވާކަން ގާސިމް ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުވެސް ހުށަހެޅިން މެމްބަރުންގެ އަދަދު ހިފަހައްޓަން. އޭރު އެމްޑީޕީއަކުން ވޯޓެއް ނުދިން. އަޅުގަނޑު މިއީ ކޯލިޝަނުގައި ހުރި މީހެކޯ އެކަމަކު. ނަމުގައި އޮތީ ކޯލިޝަނުގައި. އަޅުގަނޑުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އާމިރު ވެސް ހުށަހެޅި ދެ ފަހަރަށް މި އިސްލާހު. އެކަމަކު އެކަމެއް ނުކުރި. މިއަދު ރައީސް މުއިއްޒަށް ސެލިއުޓު ކުރަންޖެހޭ ފަހަރަކު ކަމެއް އިސްލާހުކުރަން ފެއްޓެވީތީ. "

ގާސިމް ވިދާޅުވީ ގައުމަށް ހެވާއި ލާބަ ގެނެވޭނީ މިފަދަ އިސްލާހުތަކުގެ މަސައްކަތް އަވަސްކުރި ވަރަކަށް ކަމަށެވެ. 

އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮތް އޮތުން ބަދަލު ކުރުމަށާއި ޖޭއެސްސީ އިސްލާހުކުރަން މި ސަރުކާރުން ވަނީ އިސްލާހު ހުށަހަޅަން ނިންމާފަ އެވެ. 

އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮންނަ އޮތުމުގެ ސަބަބުން ބައެއް ސިޔާސީ ބޭފުޅުންނާއި އާއްމުންގެ ގިނަ ބަޔަކު މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. 

އައު ގާނޫނު އަސާސީއާއެކު 2009 އިންތިހާބުކުރި މަޖިލީހުގައި އިންތިހާބީ ދާއިރާތަކަށް މާލެ އާއި އަތޮޅުތައް ބަހާލައިގެން ޖުމުލަ 77 މެމްބަރުން ތިއްބެވި އެވެ. 2014 ގައި އެކުލަވާލި މަޖިލީހުގެ މެންބަރުންގެ އަދަދު 85 އަށް ބަދަލުވެ، އަދި  2019 ގައި ބޭއްވި އިންތިހާބަށް މެންބަރުންގެ އަދަދު 87 އަށް އިތުރުވި އެވެ. 20 ވަނަ ދައުރަށް  އިންތިހާބުކުރި މަޖިލީހުގައި މިހާރު ތިއްބަވަނީ 93 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ވިޔަ ނުދިނުމަށްޓަކައި ގާނޫނު އަސާސީއަށް އެންމެ ފަހުން އިސްލާހެއް ހުށަހެޅުއްވީ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އޭރު ހުށަހެޅުއްވީ 87 މެންބަރުންނަށް ވުރެ އިތުރު ނުކުރުމަށެވެ. އެ ހުށަހެޅުމަށް މަޖިލީހުގައި ބަހުސް ކުރި ނަމަވެސް އެ ބަދަލު ގެންނަން ފާހެއް ނުވެ އެވެ.

މަޖިލީހުގެ މެންބަރުން އިތުރުވުމުގެ މާލީ ބުރައަށް ބަލާއިރު، އިތުރުވާ ކޮންމެ މެންބަރެއްގެ މުސާރައާއި އިނާޔަތްތަކަށް އެކަނި އަހަރަކު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ބަޖެޓުން ހަރަދުވެ އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ މެމްބަރުން މަޖިލީހުގައި ތަމްސީލުކުރާ އެއް ގައުމުކަމަށްވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމުން މާލީ ބޮޑު ބުރައަކުން އަނެއްކާވެސް ލުޔެއް ލިބިގެންދާނެ އެެވެ. 

ކިޔުންތެރިންގެ ހިޔާލު