ENGLISH
29 މާރިޗު 2026
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ޖިހާދުކުރުމަށް ވުރެ މަތިވެރި އަމަލެއް: ހުކުރު ޚުޠުބާ
27 މާރިޗު 2026
|
އެންމެ މަޤްބޫލު
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް ކަމަށާއި، އެއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"މައިންބަފައިންނަށް ކަމޭހިތުން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙުތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށެވެ.
" ﷲ تَعَالَى ވަނީ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވައިފައެވެ. އެ ދެ މީހުންގެ ޙައްޤު ނުހަނު މަތިވެރިއެވެ. ދަރީންގެ ބާއްޖަވެރިކަމަށް ޓަކައި، އެ ދެ މީހުންވާ ޤުރުބާނީގެ އަގު ވަރަށް ބޮޑެވެ. އެއީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މެދުވެރިވި ފަރާތެވެ. އިޙުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވެއެވެ. އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެއެވެ. މައިންބަފައިން ދަރީންނަށް ހެޔޮ އެދޭލެއް ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިޢުމަތްތައް ވެސް ދަރީންނަށް ލިބުމަށް އެދެއެވެ. ދަރީން ހެޔޮ ގޮތުގައި ބޮޑުކުރުމަށް ޖާނާއި މާލުން ގުރުބާންވެއެވެ. މި ފަދަ ބޮޑެތި ޤުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުންޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމުކަމެއްކަމަށް އިންސާނީ ބުއްދި ޤަބޫލުކުރެއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، އިސްލާމްދީނުގައި ވަނީ މައިންބަފައިންނަށް އޯގާތެރިވެ، އަޅައިލައި، ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވައިފައި ކަމަށެވެ. އެގޮތުން، ކީރިތި ޤުރްއާނުގެ ހަތް ތަނެއްގައި ﷲ تَعَالَى މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވައިފައިވާއިރު، އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވާ ކަމަށް ޚުޠުބާގައި ބުންޏެވެ.
"މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންނާއި ޞާލިހުންގެ ޚުލުޤުފުޅެވެ. އެއީ މުޞީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާޞިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއް ވެސް މެއެވެ. އެ ކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި، ދިރިއުޅުން ރަނގަޅުވެއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ﷲ تَعَالَىގެ ޙައްޤު އަދާކުރުމަށް އަމުރުކުރެއްވެވުމާ ވިދިގެން ދެން އަމުރު ކުރެއްވެވީ މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް ކަމަށެވެ.
އަހަރެމެންގެ މައިންބަފައިން އަހަރެމެންނަށް ޓަކައި ގުރުބާންކުރަނީ އެ މީހުންގެ އަމިއްލަ އުފާތައް ކަމަށާއި، އެ ދެ މީހުންގެ އުފާތައް ގުރުބާންކޮށްފައި ވެސް ދަރީން އުފަލުގައި ބޭތިއްބުމަށް ގަދައަޅައި މަސައްކަތްކޮށް، ދަރީންނަށް ޓަކައި އެ ދެ މީހުންގެ ޙަޔާތް ގުރުބާންކުރާ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، އަހަރެމެންގެ ސަލަފުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި ލާމަސީލު ނަމޫނާތަކެއް ދައްކަވައިފައިވާކަން ހަނދާންކޮށްދެމުން، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހަޔާތްޕުޅުގެ އެފަދަ ހާދިސާތަކުން ޢިބުރަތްހާސިލުކޮށް، މައިންފަބައިންނަށް ހެޔޮކޮށްހިތާ ބަޔަކުކަމުގައިވުމަށް އިލްތިމާސްކޮށްފައެވެ.