ENGLISH

27 މާރިޗު 2026

Advertisement

އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާމެދު ގާނޫނީ ސުވާލެއް ނެތް، އިންތިހާބުތައް މަދެއްވެސް ނުވޭ: އާޒިމާ

27 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާޒިމާ ޝަކޫރު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ގާނޫނީ ސުވާލެއް ނެތް ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބުތައް މަދުވެސް ނުވާނެ ކަމުގައި ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި އިސްލާހުކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށާއި، ރާއްޖެއަށް ހަމަޖެހުމާއި ދެމިގެްދަނިވި ތަރައްގީ ލިބޭނީ މި ގާނޫނުއަސާސީގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރެވިގެން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށް ސިޔާސީ އިގުތިސާދީ އިސްތިގުރާރަށް މަގުފަހިކުރާނެ އިސްލާހެއްގެ ގޮތުގައި އާޒިމާ ސިފަކުރެއްވިއެވެ. 

ކުރީގެ ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނީ ގޮތުން ނުކުރެވޭނެ ކަމެއްކަމަށް އެއްވެސް ބޭފުޅަކު ސުވާލު އުފައްދަވާފައި ނެތެވެ. އެހެންކަމުން ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމަކީ ގާނޫނީ ގޮތުން އެކަމަށް ހުރަހެއް އޮތް ކަމެއް ނޫންކަމަށް އާޒިމާ ވިދާޅުވިއެވެ. 

"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނީ މައްސަލައެއް އަދި ނުފެނެ. ގާނޫނު ވަރަށް ސާފު. މިހާ ހިސާބަށް ވެސް ސްޕްރީމް ކޯޓުން އަޑުއިވިފައިވަނީ އެ މާއްދާ ނުވަތަ އެ ސުވާލު ފަރުމާކޮށްފައިވާ ގޮތް ގޯހީ. އިބާރާތް ގޯހީ. އެކަމު އެއީ މީހުންނާއި ކުރެވޭނެ ސުވާލެއް ނޫނޭ އެއްވެސް މީހަކު ބުނެފައެއް ނެތް، މިއީ އެއް ދުވަހު ބޭއްވޭނެ އެއްޗެއް ނޫނޭ." އާޒިމާ ވިދާޅުވިއެވެ. 

އިތުރަށް އާޒިމާ ވިދާޅުވީ މިހާރު ދުސްތޫރީ އޮނިގަނޑު އޮތް ގޮތުން ރާއްޖެ އޮންނަނީ އިންތިހާބީ ވަށްބުރެއްގައި ކމަށެވެ. އަދި ފަސް އަހަރު ތެރޭގައި ބަހާލައިގެން ތިން އިންތިހާބު ބޭއްވުމަކީ ބޮޑު މައްސަލައެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އިންތިހާބުތައް މަދުނުކޮށް، އިންތިހާބު ބާއްވާ ފަހަރުތައް މަދުކުރުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި އާޒިމާ ގަބޫލުކުރައްވައެވެ. 

އިތުރަށް އާޒިމާ ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވިޔަސް، ރައީސް އިންތިހާބުކުރުމަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިންތިހާބުކުރުމަށް ރައްޔިތުންނަށް ލިބޭ ބާރަށް އުނިކަމެއް ނާންނަ ކަމަށެވެ. އަދި އެ ސުވާލު ރައްޔިތުންނާ ހަމައަށް ހުށަހެޅިގެންދާނެ ކަމަށެވެ. 

"މިއަކުން ޑިމޮކްރަސީއަށް އަންނަ ސުވާލެއް މަދެއްނުވޭ. ރައީސްއަކު އިންތިހާބު ކުރުމުގައި ރައީސްގެ ސުވާލު ރައްޔިތުންނަށް އެބަ އާދޭ. ޑިމޮކްރެސީގެ ސުވާލުގެ އަދަދުތޯ މަދުވަނީ ނުވަތަ ސުވާލު އަހާ ފަހަރުތޯ މަދުވަނީ. އެއްވެސް ހާލެއްގައި މަޖިލީހުގެ މެންބަރަކަށް އަޅުގަނޑުގެ ދާއިރާއަށް އިންތިހާބުކުރާނީ މިވެނި މީހަކުތޯ އޭގައި ބުނާބުނުމެއް މަދެއް ނުވޭ." އާޒިމާ ވިދާޅުވިއެވެ. 

އާޒިމާވަނީ މިހާރު މިއޮތް ގާނޫނުއަސާސީ ހިންގުމުގައި ރާއްޖެއަށް ބޭނުންވަނީ ވަރުގަދަ ރިޔާސީ ނިޒާމެއް ކަމަށާއި، ފަސް އަހަރުން ހުރިހާ ސިޔާސަތުތަކެއް އެފުށް މިފުށަށް ނުޖެހި ރަނގަޅު ހަރުދަނާ ދެމެހެއްޓެނެވި އުސޫލަކުން ވެރިކަން ހިނގައި، ސިޔާސަތުތައްް ތަންފީޒުކުރެވޭނެ ހަރުދަނާ ނިޒާމެއް ކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު