ENGLISH
27 މާރިޗު 2026
އެންމެ ރަނގަޅީ ތިން އިންތިހާބު އެކުގައި ބޭއްވުން، ސަރުކާރުގެ ނިންމުމަށް ތާއީދު: ފުއާދު
27 މާރިޗު 2026
|
ފުއާދު ރައީސްއާއެކު. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގައުމަށް ލިބޭ ފައިދާ ބޮޑުކަމަށް ވިދާޅުވި.
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލުތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަން ފާހަގަކުރެއްވުމާއެކު ސަރުކާރުން މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ގެންގުޅުއްވާ ވިސްނުމަށް އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ތާއީދުކުރައްވައިފި އެވެ.
"އެމްއެމްޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި އިލެކްޝަން ކޮމިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ފުއާދު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މުޅި ގައުމަށް އޭގެ ފައިދާ ލިބިގެންދާކަމަށެވެ.
ތާރީހަށް ބަލާއިރު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެެމެދު ހޭދަވާ ހަ މަހުގެ މުއްދަތުގައި އޭރަކު އޮންނަ ސަރުކާރަކަށް އިދިކޮޅު މަޖިލީސްތަކުން ދުއްތުރާ ކުރާކަމަށާއި ނަތީޖާއަކީ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ ތަރައްގީއަށް ހުރަސްއެޅިގެން ދިއުންކަމަށް ފުއާދު ވިދާޅުވި އެވެ.
"ދެ އިންތިހާބު ދެމެދު އޮންނަ ހަ މަސް މިހާރު ވެފައި މި އޮތީ ހަނގުރާމައިގެ ހަ މަހަށް. ސަރުކާރަށް ޖެއްސުން ކުރުމުގެ ހަ މަހަށް. ދެ އިންތިބު އެއް ދުވަހެއްގައި ބާއްވަންވީ އެ ހަ މަސް ދުވަހު ސަރުކާރަކަށް މަޖިލީހުގެ އެއްބާރުލުން ނުލިބޭތީ އެ މައްސަލަ ހައްލުކުރަން. " - އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް
ރިޔާސީ ނިޒާމުން ވެރިކަން ހިންގާ ހުރިހާ ގައުމެއް ގައި ދެ އިންތިހާބު ބާއްވަނީ އެއް ދުވަހެއްގައި ކަން ފުއާދު ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކުރެއްވި އެވެ.
"ނުރަސްމީ މަޝްވަރާތަކެއް ކުރެވުނު އޭރު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު. އެކަމަކު ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ ސްޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން އެކަން ހަނދާންނެތި ނުކުރައްވައި ދޫކޮށްލެއްވީ. އޭރުވެސް ދަންނަވާފައިވާނެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ކަންކަން އަވަސްކުރަންވީ ނޫންތޯއޭ. ދެން އަންނަ ސަރުކާރަކަށް ވެސް ފަސޭހަވާނެ ނޫންތޯއޭ މިގޮތަށް ކަން ކުރެއްވީމަ. " - އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް
ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގައި ހުރި ފައިދާތައް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވަރަށް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވާފައިވާކަމަށާއި އަކުރަމުގެ ވާހަކަފުޅަށް ފުރިހަމައަށް ތާއީދުުކުރައްވާ ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުުމުން ލިބޭނެ ފައިދާތައް އަކުރަމުގެ ދުލުން:
1 ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވުން.
2 މަޖިލިސް މެންބަރު ހޮވުމަށް ވޯޓްދޭ ފަރާތަށް، އެ ވޯޓު ދޭ އިރު ވެރިކަމަށް އާންނާނީ ވޯޓް ދިން ކެނޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުން، އެހެންވުމުން މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތު މީހާ ހިތް އެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް ބެލެވޭ.
3 އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައުން، އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމްވެގެންދާނެ.
4 އިންތިހާބު ތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުހުގެ އަދަދު މަދުވުމުން ކުޑަވެގެން ދިއުން.
5 ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިންތިހާބުތައް 2 ދުވަހު ބާއްވާނަމަ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫންކަން، އޭގެ ބަދަލުގައި އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވުން.
6 އެންމެ މުހިންމު އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވުން.