ENGLISH

27 މާރިޗު 2026

Advertisement

ދައުލަތުގެ އާމްދަނީ އިތުރުވެ ހަރަދުތައް ކުޑަކުރެވި، 2.1 ބިލިއަން ރުފިޔާގެ އަރަންޏެއް

27 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

މާލީ ވަޒީރު މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން 2.1 ބިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓު އަރަނިވެފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

މާލީ ވުޒާރާއިން ކޮންމެ ހަފުތާއަަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މާޗު 19، 2026 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 9.3 ބިލިއަން ރުފިޔާއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 8.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަަރު ލިބުނު އާމްދަނީ 4.4 އިންސައްތަ އިތުރުވެފައެވެ. 

ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނީ 6.8 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި ލިބުނީ 7.7 ބިލިއަން ރުފިޔާއެވެ. 

އާމްދަނީ އިތުރުވިއިރު ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަަން މާލީ ހިސާބުތަކުން ފެނެއެވެ. އެގޮތުން މާޗު 19 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ހަރަދުވެފައިވަނީ 7.2 ބިލިއަން ރުފިޔާއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި 8.1 ބިލިއަން ރުފިޔާ ހަރަދުވިއެވެ. އެހެންކަމުން ނިމުނު އަހަރަށްވުރެ މި އަހަރު ހިނގި ހަރަދު 10.2 އިންސައްތަ ދަށްކުރެވިފައިވެއެވެ. 

ހަރަދުތަކށް ބަލާއިރު ރިކަރަންޓު ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ދުވަހުން ދުވަހަށް ދައުލަތް ހިންގުމަށް 7.3 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރުގެ އެ މުއްދަތުގައި ހަރަދުވެފައިވަނީ 6.6 ބިލިއަން ރުފިޔާއެވެ. އެއީ 10.5 އިންސައްތައިގެ ދަށްވުމެކެވެ. 

އޭގެ އިތުރަށް ކެޕިޓަލް ހަރަދުތައްވެސް ވަރަށް ބޮޑަށް ކުޑަވެފައިވެއެވެ. އެގޮތުން ނިމުނު އަހަރު 721.1 މިލިއަން ރުފިޔާ އެ މުއްދަތުގައި ކެޕިޓަލް ހަރަދުތަކަށް ހޭދަވިއިރު، މި އަހަރު ކެޕިޓަލް ހަރަދުތަކަށް ހޭދަވީ 665.2 މިލިއަން ރުފިޔާއެވެ. 

ދައުލަަތުގެ އާމްދަނީ އިތުރުވިއިރު ހަރަދުތައް ކުޑަކުރެވިފައިވުމާއެކު މި އަހަރުގެ މި މުއްދަތުގައި އާމްދަނީން ހަރަދުތައް އުނިކުރުމަށްފަހު 2.1 ބިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާކަމަށް ބަޖެޓުގެ މާލީ ހިސާބުތަކުން ދައްކައެވެ. މި މުއްދަތުގައި ދަރަނި އަދާކުރުމަށް ހަރަދުކުރި 809 މިލިއަން ރުފިޔާ ހަރަދުތަކުން އުނިކުރުމަށްފަހު އާމްދަނީން ހަރަދުތައް ކެނޑުމުން 2.6 ބިލިއަން ރުފިޔާ ސަލާމަތްވާނެއެވެ. 

މި ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ 18 މާޗުގެ ނިޔަލަށް ދައުލަތުގެ އަރަންޏަކީ 873.7 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އަރަނިވަނީ 140 އިންސައްތަ އިތުރުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު