ENGLISH

27 މާރިޗު 2026

Advertisement

ޤައުމީ ޤުރްއާން މުބާރާތަށް ބޮޑު ބަދަލެއް

27 މާރިޗު 2026

|

އައިމިނަތު ޝަފާ

ގުރުއާން މުބާރާތުގައި ދަރިވަރެއް ކިޔަވަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރު ބާއްވާ ޤައުމީ ޤުރްއާން މުބާރާތަށް ބޮޑު ބަދަލެއް ގެނެސް، މުބާރާތުގެ ޤަވާއިދު އާންމުކޮށްފި އެވެ.

ޤުރްއާނާ ބެހޭ މަރުކަޒުން ބުނީ، ޤައުމީ ޤުރްއާން މުބާރާތައް ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

މި އަހަރު ގެނައި ބަދަލާއެކު ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވެވޭނީ 26 އަހަރު ނުފުރޭ، މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުން ނެވެ.

ޤައުމީ ޤުރްއާން މުބާރާތް ދެން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ:

  • މުބާރާތުގެ އޮޑިޝަން ބުރު
  • މުބާރާތުގެ ސެމީ ފައިނަލް ބުރު
  • މުބާރާތުގެ ފައިނަލް ބުރު

އޮޑިޝަން ބުރު ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާނެ އެވެ. މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަތޮޅުތެރޭގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގަ އެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެ އެވެ.

ގަވާއިދުގައި ވާގޮތުން ސެމީ ފައިނަލް ބުރު ކުރިއަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންގެ މެދުގަ އެވެ.

ފައިނަލް ބުރު ކުރިއަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތަ އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންގެ މެދުގަ އެވެ. 

މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދާނީ މާލޭގަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ވެސް ގަވާއިދުގައި ވަނީ ނިންމާފަ އެވެ.

މުބާރާތުގެ ވަނަތައް

ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށެވެ.

މުބާރާތުގެ ޢުމުރުފުރާތައް:

6 އަހަރުން ދަށް

8 އަހަރުން ދަށް

10 އަހަރުން ދަށް

12 އަހަރުން ދަށް

14 އަހަރުން ދަށް

16 އަހަރުން ދަށް

20 އަހަރުން ދަށް

26 އަހަރުން ދަށް

ހާފިޒުން

ޤުރްއާނާ ބެހޭ މަރުކަޒުން ބުނީ، ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު