ENGLISH

28 މާރިޗު 2026

Advertisement

ތިލަފުށީގައި ހުސް ކޮންޓެއިނަރު ބަހައްޓާ ޖާގަ އިތުރުކޮށްފި

27 މާރިޗު 2026

|

އައިމިނަތު ޝަފާ

ތިލަފުށީގައި ހުސް ކޮންޓެއިނަރު ބަހައްޓާ ޖާގަ ވަނީ އިތުރުކޮށްފައި. ފޮޓޯ؛ އެމްޕީއެލް

ތިލަފުށީގައި ގާއިމްކޮށްފައިވާ ހުސް ކޮންޓެއިނަރު ބަހައްޓާ ޖާގަ ނުވަތަ "އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ' އިތުރުކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ތިލަފުށީގައި ޤާއިމްކުރެވުނު "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގެ މަސައްކަތް ނިންމައި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ކުންފުނީގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ދަނީ ބޭނުންކުރަމުން ކަމަށެވެ. މި ވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީ.އީ.ޔޫ އެބަހުރިކަން އެ ކުންފުނިންވަނީ ފާހަގަކޮށްފަ އެވެ.

އެމްޕީއެލްއިން ބުނީ އެ ސަރަހައްދުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން އިތުރު ސަރަހައްދެއްގެ ބިން އެއްވަރުކުރުމުގެ މަސައްކަތްތައް ފުރިހަމަކޮށްފައިވާކަމަށާއި، އަލަށް ބިން އެއްވަރުކުރެވުނު ސަރަހައްދު ބޭނުންކުރަން ފެށުމުން، ޑީޕޯގެ ޖުމްލަ ކެޕޭސުޓީ 3000 ޓީ.އީ.ޔޫ އަށް މަތިވާނެ ކަމަށެވެ.

މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބގެންދާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ. 

އެމްޕީއެލްއިން ބުނީ ބަނދަރުގެ ޖާގައިގެ ދަތިކަމަކަށް ފުރިހަމަ ހައްލެއް ލިބޭނީ މިހާރު ރޭވިފައިވާ ގޮތަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުންކަމަށާއި ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުގެ މަސައްކަތްތައްވެސް މި ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުން ކަމަށެވެ. 

އެގޮތުން ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފަ އެވެ. 

ސީ.އެޗް.އީ.ސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް މިހާރު ވަނީ ފުރިހަމަކޮށްފައިކަމަށާއި މި ސަރވޭތައް ފުރިހަމަކޮށްފައިވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ މާބޮޑަށް ވެސް އަވަހަށްކްނަ ފާހަގަކޮށް  މިހާރު ކުރިއަށްދަނީ "ޖިއޯ ޓެކްނިކަލް" ސަރވޭގެ މަސައްކަތްތައްކަން އެމްޕީއެލްއިން ހާމަކުރެ އެވެ. 

މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމް.ޕީ.އެލްގެ ޓީމުތަކުން ދަނީ ކުރިއަށް ގެންދަމުން ނެވެ.

ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު