ENGLISH
27 މާރިޗު 2026
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީކުރުވާ މަޖިލީހެއް ލިބުމުގެ ފުރުސަތު އެބައޮތް: ދިޔާނާ
27 މާރިޗު 2026
|
ބަންޑާރަނައިބު ދިޔާނާ ސައީދު، ފޮޓޯ: ނުކުތާ
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީކުރުވާ މަޖިލީޙެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމުގައި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ތަސްދީގުކުރުމަށް ރައްޔިތުންނަށް ފެނޭތޯ ބެލުމަށް އޭޕްރީލު ހަތަރުވަނަ ދުވަހު ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ރޭ ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަނުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ދިޔާނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ލީޑަރުންވެސް އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވާ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރަށް ކުރީގެ ބަންޑާރަނައިބު އިބްރާހީމް ރިފްއަަތާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީއާއި، އަދާލަތާއި އެމްޑީއޭއިންވެސް އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވާފައިވާކަން ދިޔާނާ ފާހަގަކުރެއްވިއެވެ.
ދިޔާނާ ވިދާޅުވި ގޮތުގައި މި ބަދަލުގެނައުމުގެ ވާހަކަ އެކި ދުވަސްވަރު އެކި ލީޑަރުން ދެއްކެވީ މިކަމުން ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެތީ ކަމަށެވެ. އެއިން އެންމެ ބޮޑު ހެޔޮ ބަދަލަކީ ސަރުކާރު ޖަވާބުދާރީކުރުވަނިވި ރައްޔިތުންގެ މަޖިލީހެއް ލިބުން ކަމަށްވެސް ވިދާޅުވިއެވެ.
ފާއިތުވި ތަޖުރިބާއަށް ބަލާއިރު އިންތިހާބުކުރެވެނީ ވެރިކަންކުރާ ޕާޓީއަށް ސުޕަ މެޖޯރިޓީ އޮންނަ މަޖިލިސްތަކެއް ކަމަށާއި، އެ މަޖިލިސްތަކުން ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްނުކުރާކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އެކަމަށް ހައްލެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ސުޕަރ މެޖޯރިޓީ މަޖިލިސް އަންނަ ސަބަބަށް އަޅުގަނޑުމެން ބަލައިލަންޖެހޭ އިނގޭތޯ؟ ސަބަބެއް ކަމުގައި އަޅުގަނޑު ބަލަނީ ރައީސަކު ހޮވައި، ވަކީ ރައީސެއް ނޫން، ކޮންމެ ރައީސަކު ކޮންމެ ޕާޓީއަކުންވިޔަސް ހޮވިފައި ދެން އެ ރައީސެއްގެ މުއްދަތެއްގައި މަޖިލިސް ހޮވަން ނުކުތީމާ ސަރުކާރުގެ ހުރިހާ ބާރުތަކާއެކީ މިވަޑައިގަންނަވަނީ. އެހެންވީމާ ވާ ގޮތަކީ ރައްޔިތުން އެ ނުފޫޒަށް ލެނބެވޭ. އެއީ އެއް ސަބަބު،" ދިޔާނާ ވިދާޅުވިއެވެ.
ރައްޔިތުން ވޯޓު ދީފައި ހުރި ގޮތުގެ މާޒީއަށް ބަލައިލުމުން ފެންނަނީ ރިޔާސީ އިންތިހާބުގައި ވަރަށް ތިލަފަތްހަމަ ގޮތަކަށް ރައްޔިތުން ވޯޓު ދީފައި ހުރިކަން ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް 46 އިންސައްތަ، އެމްޑީޕީއަށް 39 ޕަސެންޓު އަދި ޖޭޕީއަށް 23 ޕަސެންޓު އަދި 2018 އެމްޑީޕީއަށް 58 ޕަސެންޓު އަދި ޕީޕީއެމްއަށް 41 ޕަސެންޓު ލިބުނުކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހުގެ މެންބަރުންނަށް ދޭ ވޯޓުވެސް މިގޮތަށް ތަރުޖަމާވެގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ބެލެންސްޑްކޮށް މިއޮތީ ވޯޓިން ޕެޓާންސް އެހެންވީމާ މިވޯޓިން ޕެޓާންސްތައް ތަރުޖަމާވެގެންދާނެ މިގޮތަށް. އެހެންވީމާ ބެލެންސްޑް މަޖިލީހެއް ލިބުމުގެ ފުރުސަތު ބޮޑުވެގެންދޭ،" ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނެވުނު އަށްވަނަ އިސްލާހަކީ ދުސްތޫރީ އިޖުރާއާތުތައް ފުރިހަމަކުރެވިގެން ގެނެވުނު، ދުސްތޫރީ ގޮތުން ސައްހަ ގާނޫނީ ގޮތުން އެ އިސްލާހުގެ ސައްހަކަމާމެދު ސުވާލެއް ނެތް އިސްލާހެކެވެ.