ENGLISH

27 މާރިޗު 2026

Advertisement

ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރަން ބިންގާ އަޅައިފި

26 މާރިޗު 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް މިރޭ ރަސްމީކޮށް ބިންގާ އަޅައިފި އެވެ.

ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވަނީ އެ އަވަށުގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހުން ވިލިމާލޭގައި މިފަދަ މަޝްރޫޫޢުއެއް ހިންގާ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރަނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުންނެވެ.

މި މަޝްރޫޢުއަށް ބީއެމްއެލުން ފައިނޭންސް ކުރާއިރު، މަޝްރޫޢުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ.

މިރޭ ވިލިމާލޭގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު ޢަބްދުﷲ މުއްތަލިބާއި، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފްގެ އިތުރުން އާރުސީސީގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވި އެވެ.

ބީއެމްއެލުން ބުނި ގޮތުގަަި ވިލިމާލޭގައި ތަރައްޤީކުރާ މި 300 ހައުސިން ޔުނިޓަކީ، 17 ފަންގިފިލާގެ މައްޗަށް ބިނާކުރާ ތިން ޓަވަރެކެވެ. މި މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނޭކަމަށް ބީއެމްއެލުން ބުނެ އެވެ.

ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން 3260 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ. އެގޮތުން ފޭސް ތިނެއްގައި ދެ މަޝްރޫއެއްގެ ދަށުން ހައުސިން ޔުނިޓް އަޅާނެ އެވެ. އެއް މަޝްރޫއުއަކީ ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 1224 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު އެކެވެ. ބީޔޫސީޖީއާ ހަވާލުކޮށްގެން 1190 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ.

ހުޅުމާލެ ފޭސް އެކެއްގައި އަމީން ކޮންސްޓްރަކްޝަން އިން 364 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ. އެފްޑަބްލިއު ކޮންސްޓްރަކްޝަން އިން 182 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު