ENGLISH

26 މާރިޗު 2026

Advertisement

ޕޮލިސް ކޮމިޝަނަރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

26 މާރިޗު 2026

|

ފާތުމަތު އަދާ

ޮޕޮލިސް ހެޑްކުއާޓާ/ ފޮޓޯ: މިހާރު

ފުލުހުންގެ ކޮމިޝަނަރުގެ މަގާމަށް ކުރިމަތުލުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި، އެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. 

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ބުނީ މިއަދު މެންދުރު ފުލުހުންގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލާފައިވަނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު މަގާމު ހުސްވެފައިވަނީ ކުއްލި ގޮތަކަށް އެ މަގާމުގައި ހުރި ނަވީން މިދިޔަ މަހު ރިޓަޔަކުރެއްވުމުންނެވެ. އެ މަގާމުގެ މައްސޫލިއްޔަތުތަކާ މިވަގުތު ހަވާލުވެގެންހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދެވެ.

މި މަގާމަށް ކުރިމަތިލުމަށް މި މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރިއެވެ. އެހެންނަމަވެސް މި މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިނުލުމުގެ ސަބަބުން މުއްދަތު މިއަދާ ހަމައަށް މިނިސްޓްރީން އިތުރުކުރީއެވެ. 

ކިޔުންތެރިންގެ ހިޔާލު