ENGLISH
26 މާރިޗު 2026
ޤާސިމްގެ ތާއީދު މޫސާ ޖަލީލަށް، އެދިވަޑައިގަތީ އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ވޯޓް ދެއްވުމަށް
26 މާރިޗު 2026
|
ޤާސިމް އިބްރާހިމް އަދި މޫސާ އަލީ ޖަލީލް
އެންމެ މަޤްބޫލު
މާލެ ސިޓީގެ މޭޔަރު ކަމަށް މޫސާ ޢަލީލް ޖަލީލް އެންޑޯޒްކުރައްވާ އޭނާއަށް ތާއީދުކުރާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.
ޤާސިމް ވަނީ އެކަން އިއުލާނު ކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓްގައި ވިދާޅުވީ މޫސާ ޢަލީ ޖަލީލަކީ، ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށެވެ.
އަދި އެއީ މި ޤައުމުން އެމަނިކުފާނުގެ އަގު ވަޒަންކުރައްވާ، ޤައުމީ ޝަރަފް އަރުވާފައިވާ، ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއް ކަމުގައި ފާހަގަ ކުރެއްވި އެވެ.
“ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު 3 ވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ޤައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ. އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށް،” ޤާސިމްގެ ޕޯސްޓްގައި ވިދާޅުވި އެވެ.
ޤާސިމް ވަނީ މޫސާ ޖަލީލަށް ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު ފަސްބައިގާ ކިލަނބުކަމެއް ނެތި ކަމަށެވެ.
އަދި އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް ކަމަށާ އެއީ ނުހަނު ޚުލްޤު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް ކަމުގައު ވިދާޅުވި އެވެ.
“މިހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން،”
ޤާސިމް ވަނީ، މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިއްބެވި ލޮބުވެތި ރައްޔިތުން، އަދި އެމަނިކުފާނުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަޚުންނާއި އުޚްތުން، މިފަހަރުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް ތާއީދުކުރައްވާ ވޯޓުދެއްވުމަށް އެދިވަޑައިގެންފަ އެވެ.