ENGLISH
26 މާރިޗު 2026
ރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުން ބިނާވަނީ ސަރަޙައްދުގެ ސުލްޙައާއި އަމާންކަމުގެ މައްޗަށް: ރައީސް
26 މާރިޗު 2026
|
ރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤް ރަޙްމާނާ ބައްދަލުކުރެއްވުން. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހި ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އުފެދިފައިވާ ހަރުދަނާ ބަދަހި ގުޅުން ބިނާވެގެންވަނީ، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާއި، އަދި މި ސަރަޙައްދުގެ ސުލްޙަ މަސަލަސްކަމާއި އަމާންކަމުގެމައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ބަންގްލަދޭޝްގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޠާރިޤު ރަޙްމާން އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގަ އެވެ.
ރައީސް އޮފީހުން ބުނީ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރަކީ، ބަންގްލަދޭޝްއާއި ދިވެހިރާއްޖެއާ ދެމެދުގައި ސިޔާސީގުޅުން ގާއިމު ކުރިތާ 48 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަ ކުރައްވާފައި ކަމަށެވެ. ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ މި ގާތް ގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި، އިޙްތިރާމުގެ މައްޗަށް ކަމަށާ، އަދި މިގުޅުން ދުވަހެއް ދުވަހަކަށް ހަރުދަނާވެ، ފުޅާވެގެން ދިޔުމުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުން މުހިއްމު ދައުރެއް އަދާކުރާކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިޔަށް އޮތްތާގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވާކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދިވެހިރާއްޖެއާއި، ބަންގްލަދޭޝްއާ ދެމެދުގައި އުފެދިފައިވާ ހަރުދަނާ ބަދަހި ގުޅުން ބިނާވެގެންވަނީ، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ، އަދި މިސަރަޙައްދުގެ ސުލްޙަ މަސަލަސްކަމާ އަމާންކަމުގެމައްޗަށް ކަމުގައި ފާހަގަކުރައްވާފައިވާކަން އެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ. ހަމަ މިއާއެކު، ދެޤައުމުގެ އެއްގޮތް ސަޤާފަތާ އަދި ފަރުދުންގެ މެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ސަބަބުން، މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ރައީސް އޮފީހުން ބުނީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ވިޔަފާރިއާއި، ޞިއްޙަތާ، މީހުން ބިނާކުރުމާ، ތަޢުލީމާ، އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބަންގްލަދޭޝްއިން ދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ސަބަބުން، ރާއްޖެއަށް ލިބެމުންދާ ތަރައްޤީއާއި ކުރިއެރުން އެމަނިކުފާނު ފާހަގަކުރައްވާފައިވާކަން ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާވެރިކަމަށާ، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވާކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ވަނީ ޕޯސްޓެއްް ހިއްސާކުރައްވާފަ އެވެ.