ENGLISH
26 މާރިޗު 2026
ރިފަރެންޑަމް ވޯޓު ނެގުމުގައި ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ހިންގައިފައެއް ނެތް: ޤާނޫނީ ވަކީލު ޝިފާއު
26 މާރިޗު 2026
|
އިންތިޚާބެއްގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންތަކެއް ހަރަކާތްތެރި ވަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އެންމެ މަޤްބޫލު
އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓު ނެގުމުގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ހިނގާފައިނުވާކަމަށާއި، މިކަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ހާލަތެއް އަދި މެދުވެރިނުވާ ކަމަށް ޤާނޫނީ ވަކީލު އަހުމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީއިން ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނެރުއްވި ގަރާރުގައި ޤާނޫނާ ޚިލާފު ކަންކަން ފާހަގަކުރެވިފައިވާކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ.
މި މައްސަލައާ ގުޅޭގޮތުން އެމްއެމްޓީވީގެ 'އާނއެކޭ' ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޤާނޫނީ ވަކީލު ޝިފާއު ވިދާޅުވީ މި މައްސަލައިގައި މައިގަނޑު ބަހުސްއަކަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމާބެހޭ ގާނޫނުގެ 264 ވަނަ މާއްދާ ކަމަށެވެ. ޝިފާއު ވަނީ މިހާރު ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކުރެވޭ މުހިންމު ބައިތަކަށް އަލިއަޅުވާލައްވައިފައެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހިމެނޭ ސުވާލަކީ ޤާނޫނު އަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނާ ބުނުމަށް ރިއާޔަތްކުރައްވައި ޝިފާއު ވިދާޅުވީ އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވަން ޖެހިވަޑައިގަންނަވާނެކަން އަދި ގަރާރުގައި ހުރުން ލާޒިމު މާއްދާތައް ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި އިޖުރާއަތްތަކަށް ބަލާއިރު ޤާނޫނު އަސާސީގައި ބަޔާންކުރާ ހުރިހާ ބައިތަކެއް ރައީސުލްޖުމްހޫރިއްޔާ ނެރުއްވެވި ގަރާރުން ވަރަށް ސާފުކޮށް ބަޔާންކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށްފަހުގައި އަމަލުކުރާނެ ގޮތް ވެސް ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، މިކަމަށް ރައްޔިތުންގެ އަގުލަބިއްޔަތު ލިބިއްޖެ ހިނދެއްގައި ރަސްމީ ނަތީޖާ ލިބޭތާ 15 ދުވަސް ތެރޭގައި އެ ޤާނޫނު ތަސްދީގުކުރަން ވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ. މައްސަލައެއް ހުށަހަޅަންޖެހޭނީ މި މުއްދަތުގައި ބިލު ތަސްދީގުނުކުރެވިއްޖެ ހާލަތެއްގައި ކަމަށާއި، އެހެންނަމަވެސް އެފަދަ ހާލަތެއް އަދި ނެތްކަމަށް ޝިފާއު ވިދާޅުވިއެވެ.
"އެ އިސަލާހު ފާސްކުރުމަށްޓަކައި ރައްޔިތުންގެ އަގުލަބިއްޔަތު ލިބިއްޖެ ހިނދެއްގައި ރަސްމީ ނަތީޖާ ލިބޭތާ 15 ދުވަސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނޭ. އެއޮތީ ވަރަށް ސާފުކޮށް ތަސްދީގުކުރަންޖެހޭނަމަ ކުރަންޖެހޭ މަރުހަލާ. މި މަރުހަލާގައި ތަސްދީގު ނުކުރެވިއްޖެ ހާލަތެއްގައި ދެން ކަން ވާނެގޮތުގެ މައްސަލައެއް ކަންނޭނގެ ހުށަހަޅަން މި ޖެހެނީ. އެކަމަކު އެ ހާލަތެއް ނުވަތަ މަރުހަލާއެއް އަދިއެއް ނެތް." - ޤާނޫނީ ވަކީލު އަހުމަދު ޝިފާއު
މީގެ އިތުރުން ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޤާނޫނީ ވަކީލު އަލީ ޖިނާހު ވަނީ މި މައްސަލައިގައި ހަގީގީ ބަހުސެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ފާހަގަކުރައްވާފައެވެ. ޖިނާހު ވިދާޅުވީ ރަޖިސްޓްރާ ނިންމެވިނަމަވެސް އަދިވެސް މި މައްސަލަ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން މައްސަލައަށް އަލިއަޅުވާލައްވައި ޖިނާހު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ޤާނޫނު މިދިޔަ އަހަރު ތަސްދީގުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލެއް އަންނަނަމަ ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓެއް ނަގަންޖެހޭނެކަން އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާނަމަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ޖިނާހު ވިދާޅުވިއެވެ.
"79 ވަނަ މާއްދާގައި އަޅުގަނޑުމެން މި ފާހަގަކުރާ ރައްޔިތުންގެ މަޖިލީހުގެ އުމުރާބެހޭ ބައެއް. އެ އަންނައިރު އަޅުގަނޑުމެންގެ އެބައޮތޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ވަކި ގާނޫނެއް މިދިޔަ އަހަރު 15/2025. އެ ޤާނޫނުގެ ދެވަނަ މާއްދާގައި މިވަނީ ވޯޓު ނަގަންވާ ކަންކަން ފާހަގަކޮށްފައި. ހަމަ އޭގެ ނ. ގެ ދެވަނަ ނަންބަރުގައި މި ބުނަނީ ޤާނޫނު އަސާސީގެ 79 ވަނަ މާއްދާގެ ހ. ގައި ރައްޔިތުންގެ މަޖިލީހުގެ އުމުރަށް އެ އަންނަ ބަދަލާ ގުޅެންޏާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެއޭ. ރައީސުލްޖުމްހޫރިއްޔާއަށް ހަމަ އެގާނޫނުން އެބަ ލިބޭ ބާރުތަކެއް ގައުމީ މުހިންމު މައްސަލަތަކުގައި ނަގާ ވޯޓެއް ގޮތަށް ފެންނަ ނުފެންނަ ވޯޓު މި އޮންނަނީ. އެއީ އެ ގާނޫނުގެ 4 ވަނަ މާއްދާ. އެ ޤާނޫނުގެ ހ. ގައި މި އޮންނަނީ ގައުމީ މުހިންމު މައްސަލައެއް ނިންމުމުގައި، އެކަމަކީ ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަމުގައިވާނަމަ ރައްޔިތުން ދެކޭ ގޮތް ހޯދުމަށް އާންމު ވޯޓެއް ނެގުމަށް މި ޤާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ." - ޤާނޫނީ ވަކީލު އަލީ ޖިނާހު
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު މި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން މިހާރު ވަނީ ފަށައިފައެވެ.