ENGLISH

26 މާރިޗު 2026

Advertisement

އާއްމު ހިޔާލު ހޯދުމުގެ ވޯޓުގައި ސުވާލު އޮންނަންވީ ގޮތް ގާނޫނުއަސާސީއަކު ނެތް: ދައުލަތް

26 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ސްޓޭޓް އެޓާނީ ޝުހުދު މުހައްމަަދު ވަހީދު ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ވާހަކަދައްކަވަނީ، ފޮޓޯ: ސްނެޕްޝޮޓް

ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ބާތިލު ސުވާލެއްކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އެފަދަ ވޯޓަކަށް ހުށަހަޅާ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފަައިނުވާކަމަށް ދައުލަތް ތަމްސީލުކުރައްވާ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. 

ސްޓޭޓް އެޓާނީ ޝުހުދު މުހައްމަަދު ވަހީދު ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލާގައި އުފައްދާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ އިންތިހާބަަށް ހުށަހަޅާ ސުވާލު ހިލާފުތޯ ނޫންތޯއެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ޝުހުދު ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަަކީ ގާނޫނުއަސާސީގައި ހިމެނޭ ވަކި ހައްސާސް މާއްދާތަކަށް ގެންނަަ އިސްލާހުތައް ތަސްދީގުކުރުމުގައި ވަކި ހާއްސަ ގޮތްތަކަކަށް އަމަލުކުރުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައިވާ މާއްދާއެއް ކަމަށެވެ. 

"ސުވާލަކީ އިޖުރާއަތާ ގުޅޭ ސުވާލެއް. މި މާއްދާއަކީ އުސޫލެއް، ވަކި ގޮތަކަށް ޝަރުތުތަކެއް ކްރިއޭޓްކުރާ މާއްދާ. އެހެންވީމާ މި މާއްދާގެ މަގުސަދާ ސުވާލު ހިލާފުކަމުގައި ބުނުމުން ދުސްތޫރީ މައްސަލައެއް އުފެދިގެންދާ ކަމަށް ދައުލަތުން ނުދެކެން،" ޝުހުދު ވިދާޅުވިއެވެ. 

ޝުހުދު ވިދާޅުވި ގޮތުގައި އެ މާއްދާގެ އެއްވެސް އަކުރެއްގައި ރައްޔިތުންގެ ކުރިމައްޗަށް ސުވާލެއް ހުށަހަޅުއްވަންޖެހޭކަން ބަޔާންކޮށްފައި ނެތެވެ. އެ މާއްދާގައި އޮންނަނީ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހޭނެ ކަމަށްކަން ފާހަގަކުރައްވަމުން ޝުހުދު ވިދާޅުވީ އެ ވޯޓުގައި ރައްޔިތުންނަށް ހުށަހަޅުއްވާ ކަމެއް ހުށަހަޅުއްވަންޖެހެނީ ސުވާލަކުންތޯ ނުވަތަ ޖުމްލައަކުންތޯ ނުވަތަ ސްޓޭޓުމެންޓަކުންތޯ އެ މާއްދާގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. 

ދައުލަތުން ގަބޫލުކުރާ ގޮތުގައި 262 ވަނަ މާއްދާ ކިޔަންވާނީ ރިފަރެންޑަމް ގާނޫނާއެކުކަން ފާހަގަކުރައްވަމުން ޝުހުދު ވިދާޅުވީ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތްތައް ބަޔާންކުރަނީ އެ ގާނޫނުގައި ކަމަަށެވެ. 

ދައުލަތުން ފާހަގަކުރި ގޮތުގައި 262 ވަނަ މާއްދާއާ ހިލާފުވާނީ އެ މާއްދާގައި ބަޔާންކުރާ މާއްދާއަކަށް މަޖިލީހުން ގެންނަ އިސްލާހަކާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުނަންގަވަން ރައީސް ނިންމެވުމުން ނުވަތަ އެފަދަ ވޯޓެއްގައި އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ތާއީދުކުރުމުން ރައްޔިތުންގެ ނިންމުމާ ހިލާފަށް އަމަލުކުރެއްވުމަށް ރައީސް ނިންމަވައިފި ހާލަތެއްގައެވެ. 

ޝަހުދު ވިދާޅުވި ގޮތުގައި ރިފަރެންޑަމް ގާނޫނުގައިވެސް ސުވާލުގެ އިބާރާތް އޮންނަންވީ ގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރީ ބާރަށް ދޫކޮށްލާފަައިވާ ކަމެއް ކަމަަށެވެ. ގާނޫނުއަސާސީގައި އަދި ގާނޫނީ ނައްސެއްގައިވެސް އެފަދަ ސުވާލެއް އިބާރާތްކުރަންވީ ގޮތެއް ބަޔާންކޮށްފައި ނެތްކަން ފާހަގަކުރައްވަމުން ޝަަހުދު ވިދާޅުވީ ސުވާލު ގޯސްވަނީ ކިހިނެއްކަން ދައުވާކުރި ފަރާތަށް ބަޔާންކޮށްނުދެވޭ ކަމަށެވެ. 

އަދި ދައުވާކުރާ ފަރާތުން އެދޭ ގޮތަށް މިހާރު އޮތް މަޖިލީހުގެ އުމުރަށް އަންނަ ބަދަލާމެދު ރައްޔިތުންނާ ސުވާލުކުރާ ހާލަތުގައި އެ ސުވާލުކުރެވެނީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާއަށް ގެނެވޭ އިންތިގާލީ ބަދަލަކާ ގުޅޭ ގޮތުންކަން ފާހަގަކުރައްވަމުން ޝަހުދު ވިދާޅުވީ އަސްލު ސުވާލު އުފައްދަންޖެހޭނީ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް އައި ބަދަލާމެދު ކަމަށެވެ. މިހާރު ސުވާލު އޮތް ގޮތުން އެ ސުވާލު ކުރެވޭ ކަމަށެވެ. 

ޝަހުދު ވިދާޅުވި ގޮތުގައި މި މައްސަލާގައި އަސްލު ބަލަންޖެހޭނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކުރާ ކަންކަން އެމަނިކުފާނު ކުރައްވާފައިވޭތޯ ކަމަށެވެ. އެއީ އެ މާއްދާގައި ބަޔާންކުރާ މާއްދާތަކަށް ރައްޔިތުންގެ މަޖިލީހުން ގެންނަ އިސްލާހާމެދު ރައްޔިތުންގެ ހިޔާލު ހޯދުމެވެ. 

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމަވައިލައްވަމުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ ވިދާޅުވީ މިއަދު އަޑުއެހުމާއެކު މައްސަލައިގެ އިތުރު އަޑުއެހުމެއްް ނުބާއްވަވާނެ ކަމަށެވެ. އަދި ދިރާސާކުރެއްވުމުގެ މަރުހަލާގައި އިތުރު ސުވާލެއް ކުރައްވަން ޖެހިވަޑައިގަންނަވާނަމަަ ދައުވާ ކުރި ފަރާތަށާއި، ދައުވާ ރައްދުވާ ފަރާތްތަކަށް އަންގަވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު