ENGLISH

26 މާރިޗު 2026

Advertisement

ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްގެން ގާނޫނު އަސާސީގެ ކޮންމެ މާއްދާއަކަށް ވެސް ބަދަލުގެނެވޭނެ: ސިރާޖު

26 މާރިޗު 2026

|

އައިމިނަތު ޝަފާ

ސިރާޖު ރައީސް މުއިއްޒާއެކު. ގާނޫނު އަސާސީއަށް ބަދަލު ގެނެވޭނެކަމަށާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގެނެވުނު ބަދަލުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވި.

ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްގެން ގާނޫނު އަސާސީގެ ކޮންމެ މާއްދާއަކަށް ވެސް ބަދަލުގެނެވޭނެކަމަށް ގާނޫނީ ވަކީލު އަދި  ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ. 

ގާނޫނު އަސާސީއަށް މި ސަރުކާރުން މިފަހުން ގެނެސްފައިވާ ބަދަލުތަކަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފު ބަދަލުތަކެއްކަމަށް ބުނެ ވާދަވެރި އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި އެކްސް ގައި ޝާއިއު ކުރެއްވި ޕޯސްޓެއްގައި ސިރާޖު ވިދާޅުވީ ޤާނޫނުއަސާސީއަކީ ބަދަލުކުރެވޭނެ އެއްޗެއް ކަމަށެވެ.

"ޤާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރުން އެއިރު ގެންގުޅުއްވި ވިސްނުމުގައި ދުނިޔެ އުމުރަށް ޤާނޫނުއަސާސީ ދެމިއޮންނާކަށް ނުޖެހޭ. " - ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ސިރާޖު

ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވަނީ، ޒަމާނާއި ހާލަތަށް ރިއާޔަތްކޮށް ބަދަލުތައް ގެނައުމުގެ މަގު ފަހިކުރުމުގެ ބޭނުމުގައިކަން ފާހަގަކުރައްވަމުން ސިރާޖު ވިދާޅުވި ބަދަލު ގެނައުމުގައި މުހިންމީ އިޖުރާއަތްތައް ފުރިހަމަ ކުރުން ކަމަށެވެ.

"ދުނިޔޭގެ ބައެއް ޤައުމުތަކުގެ، މިސާލަކަށް ޖަރުމަނުވިލާތުގެ ޤާނޫނުއަސާސީގައި، ކިތަންމެ ބޮޑު އަޣުލަބިއްޔަތެއް ލިބުނު ކަމުގައިވިޔަސް ބަދަލުނުކުރެވޭނެ ވަކި ކަންތައްތަކެއް ކަނޑައަޅާފައި ހުރޭ. ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެފަދަ އެއްވެސް ހުރަހެއް ބަޔާންކޮށްފައެއް ނުވޭ. " - ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ސިރާޖު

ކަނޑައެޅިފައިވާ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްގެން، ޤާނޫނުއަސާސީގެ ކޮންމެ މާއްދާއަކަށް ވެސް ބަދަލު ގެނައުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ދީފައިވާކަން ފާހަގަކުރައްވައި ސިރާޖު ވަނީ ރިޔާސި އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ހުށަހެޅުނު އިސްލާހަކީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ނުވަތަ މައިގަނޑު އުސޫލުތަކަށް ބަދަލު އަންނާނެ ކަމެއް ނޫންކަަށް ވިދާޅުވެފަ އެވެ. 

ގާނޫނު އަސާސީއަށް ގެންނަ ވަކި ބަދަލަކަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ނުރުހުމަކީ، އެ ބަދަލަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފު ކަމެއް ކަމަށް ބެލެވޭނެ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

"މިބާވަތު ކަންކަމުގައި އޮންނާނީ ގިނަ ރައްޔަތުންނަށް ފެންނަގޮތެއް. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެއްޖެނަމަ، މާނައަކީ އެއީ އަޣުލަބިއްޔަތުގެ ނިންމުމޭ." - ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ސިރާޖު

ޕޯސްޓު ނިންމަވާލައްވަމުން ސިރާޖު ވިދާޅުވީ ނުރުހޭ ބަޔަކު ނުރުހުނަސް ޑިމޮކްރެޓިކް ނިޒާމެއްގައި އަބަދުވެސް އޮންނާނީ ގިނަމީހުން ބޭނުންވާގޮތް ކަން ހަނދާންކުރަންޖެހޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު