ENGLISH
26 މާރިޗު 2026
ޒިންމާ އަދާނުކޮށް ސަރުކާރު ބޮލުގައި ކަންކަން ނޭޅުވޭނެ، އެއީ ގާނޫނީ ކުށެއް: ނިހާދު
26 މާރިޗު 2026
|
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ނިހާދު ބައިވެެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އެމްއެމްޓީވީ
އެންމެ މަޤްބޫލު
އައްޑޫ ސިޓީގެ މުނިސިޕަލް ހިދުމަތްތަކާއި އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ މުހިންމު ހިދުމަތްތައް ނުދީ އެކަންކަން ނުވަނީ ސަރުކާރާ ހެދި ކަމަށް ދައްކަން އުޅުމަކީ ގާނޫނީ ކުށެއް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވިގެ "ދިވެހީންގެ ރާއްޖެ" ލައިވް ކަވަރޭޖަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނިހާދު ވިދާޅުވީ މިފހަރުގެ އިންތިހާބުގައި މުޅި އައްޑޫ ސިޓީގެ ރައްޔިތުން ތިބީ އައްޑޫގެ މިހާރުގެ މޭޔަރު ބަދަލުކުރުމަށް ނިކުމެކަމަށެވެ.
ސަރުކާރާ ނުގުޅި އައްޑޫއަށް ތަރައްގީ ނުގެނެވޭނެކަން އެ ރައްޔިތުން ވެސް ގަބޫލުކުރާކަމަށް ނިހާދު ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީއަށް މޭޔަރު އަލީ ނިޒާރު އިހުމާލުވަމުންދާކަމަށް ވިދާޅުވެ ނިހާދު ވިދާޅުވީ އަހަރެއްގެ މައްޗަށް ބަލާއިރު ބޮޑު އާމްދަނީއެއް އައްޑޫ ސިޓީ ކައުންސިިލަށް ލިބޭއިރު އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށެވެ.
"ރައްޔިތުންގެ ޖީބަށް އަތް ކޮށްޕައިގެން ލިބޭ އާމްދަނީ. އޭގެ މާނައަކީ އަކަފޫޓެއް 35 ލާރިޔަށް ކުށްޔަށް ދީފައި ހުރި ވިޔަފާރި ގެތަކުގެ ކުލި ހަ ރުފިޔާއަށް ބޮޑުކޮށް އަހަރެއްގެ މައްޗަށް ސަތޭކަ އަށްޑިހަ މިލިއަނުގެ ބޮޑު އާމްދަނީއެއް ލިބޭއިރުވެސް ރައްޔިތަކަށް ކޮށްދިން ކަމެއް ނެތޭ. " - އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު
ތަރައްގީގެ ބޮޑެތި މަޝްރުއުތައް ހިންގުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވާއިރު ސިޓީ ކައުންސިލާ މަތިކުރެވިފައިވާ މުނިސިޕަލްގެ ހިދުމަތްތައް ވެސް ނުބަލަހައްޓައި އެކަން ނުކުރެވެނީ ސަރުކާރާ ހެދިކަމަށް މޭޔަރު ބުނާކަމަށް ނިހާދު ވިދާޅުވި އެވެ.
"އެކަން ނުކޮށް ބަހައްޓައި އެއީ ސަރުކާރުން ނުކޮށްދީގެން އުޅޭ މައްސަލައަކަށް ހަދައިގެން ސަރުކާރު ބޮލުގައި އެކަން އަޅުވައިގެން ސިޓީ ކައުންސިލުގެ މޭޔަރު މި ހުންނަނީ. ނުހުރެވޭނެ އެހެނެއް. އެއީ ގާނޫނީ ބޮޑު ކުށެއް. ގާނޫނުން މޭޔަރުގެ މައްޗަށް ލަޒިމުކުރޭ މަގުބެލެހެއްޓުން ފަދަ މުނިސިޕަލް ހިދުމަތްތައް ރައްޔިތުންނަށް ދޭން. " - އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު
ނިހާދު ވިދާޅުވީ މިފަދަ ސަބަބުތަކަށްޓަކައި ކުރިއަށް އޮތް އިންތިހާބުގައި އައްދޫގެ ރައްޔިތުންގެ ތިބީ އައްޑޫ ކައުންސިލު ބަދަލުކުރުމަށް ނިކުމެ ކަމަށެވެ.
މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ބޮޑެތި މަޝްރުއުތަކެއް އެކަށައަޅާފައިވާއިރު ވާދަވެރި މޭޔަރެއް ހުރުމުގެ ސަބަބުން ގޮންހުންތަކާ ދިމާވާކަން މީގެ ކުރިން ބައެއް ވަޒީރުން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން ހުރަސްއެޅުންތަކާއެކު އައްޑޫ "އައްސޭރި ޓޫރިޒަމް" ޕްރޮޖެކްޓް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ މިފަހުން ފާޅުކުރައްވައިފަ އެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ މަޝްރޫއަށް ބޭނުންވާ ބިން ސަރުކާރުން ހަމަޖައްސާފައިވާއިރު ބިން ވަކިކޮށްދިނުމަށް އެދި އެތައް ފަހަރަކު ކައުންސިލަށް ސިޓީ ފޮނުވިއްޖެކަމަށާއި ނަމަވެސް އަދިއަދަށް ވެސް ކައުންސިލުން އެކަން ކޮށްދީފައި ނުވާކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މިވަގުތު ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މޭޔަރުގެ ގޮނޑި ކޮންޓްރޯލު ކުރަނީ ވާދަވެރި އެމްޑީޕީން ނެވެ. މި އިންތިހާބުގައި އެކަން ބަދަލުކޮށް ތަރައްގީއަށް ފުރުސަތުދީ ކޮންގްރެސް ޕާޓީގެ ކައުންސިލަރުން ކައުންސިލުތަކަށް ހޮއްވަވައިދެއްވުމަށް އެ ޕާޓީން އަންނަނީ ރައްޔިތުންނަށް އިލްތިމާސްކުރަމުން ނެވެ.