ENGLISH

26 މާރިޗު 2026

Advertisement

ރައީސް ގެންދަވަނީ ކުރު ރާސްތާ ސިޔާސީ ފައިދާއަށްވުރެ ގައުމީ މަސްލަހަތު އިސްކުރައްވަމުން: މިނިސްޓަރ ސައީދު

26 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަންކުރައްވަނީ ސިޔާސީ ގޮތުން ކުރު ރާސްތާގެ ފައިދާ ހާސިލުކުރެއްވުމުގެ ބަދަލުގައި ގައުމީ މަސްލަހަތު އިސްކުރައްވަމުންކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ނ.ވެލިދޫގައި ކުރިއަށްގެންދިޔަ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅުން ބޭނުންފުޅުވީ ރާއްޖެއަށް ހަމަޖެހުން ލިބުމާއި، ދިވެހިންނަށް އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ލިބުން ކަމަށެވެ. އަދި ގައުމަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެންނެވުމަށް އެބޭފުޅުން ބޭނުންފުޅުވިކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގެނެސްދެއްވަނީ އެއިރު ރައްޔިތުން ބޭނުންވި އިސްލާހުތައް ކަމަށެވެ. 

ސައީދުވަނީ ރައީސް ކަންކަން އިސްލާހުކުރައްވާ ގޮތުގެ މިސާލެއްގެ ގޮތުން ވޭޕު މަނާކުރެއްވުމާއި ސިނގިރޭޓާއި ދުންފަތުގެ ވަބާއިން ޖީލެއް ސަލާމަތްކުރެއްވުމަށް އެޅުއްވި ފިޔަަވަޅުތައް ފާހަގަކުރައްވާފައެވެ. އަދި އެ ފިޔަވަޅުތަކަކީ ސިޔާސީ މަސްލަހަތުތައް އިސްކުރައްވައިގެން މަސައްކަތްކުރައްވާ ބޭފުޅަކު އަޅުއްވާނެ ފިޔަވަޅުތަކެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ. 

"ރައީސް މުއިއްޒު އެމަނިކުފާނުގެ ސިޔާސީ ކެރިއާއަށް ނުވަތަ ސިޔާސީ ހަޔާތްޕުޅަށް އެކަމުގެ ސަބަބުން އައިސްފާނެ ގޮންޖެހުމަކަށް ނުބައްލަވައި ވޭޕް މަނާކުރައްވާ. އެއިން މިދޭހަވަނީ ސިޔާސީ ޝޯޓް ޓާމް ފައިދާއަށް ނުބައްލަވައި ގައުމީ މަސްލަހަތު އިސްކުރައްވާކަން،" ސައީދު ވިދާޅުވިއެވެ. 

ސިނގިރޭޓާއި ވޭޕާ ދެކޮޅަށް ރައީސް އެޅުއްވި ފިޔަވަޅުތައް އުވައިލާނެކަމަށް އިދިކޮޅު ބޭފުޅުން ވިދާޅުވަމުންދާ ބަސްފުޅުތަކުން އެ ބޭފުޅުންގެ ވިސްނުންފުޅުގައި ކުރިއަށް އޮތް ޖީލުތަކަށްޓަކައި އިހު ޒަމާނުގައި އޮތް ސުލްހަވެރިކަމާއި ހަަމަޖެހުން އިއާދަކުރެއްވުމުގެ ވިސްނުމެއް ނެތްކަަން ސާފުވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރައީސްގެ ހިދުމަތްތަކަށް އިތުރަށް އަލިއަޅުވައިލައްވަމުން ސައީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ފެއްޓެވި އެއާ އެމްބިއުލާންސް އަދި އޭޓީއެމް ފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ މަންފާގެ ބޮޑުކަން ރައްޔިތުންނަށް އިހުސާސްކުރެވޭ ކަމަށެވެ. 

ވެރިކަމާ ރައީސް ޑރ.މުޢިއްޒު ހަވާލުވެވަޑައިގަތްއިރު ބޮލަށް ވެއްޓޭ ހިސާބަށް ވީރާނާވެފައި ހުރި ކައުންސިލު އިމާރާތްތަކުގެ ބަދަލުގައި ޒަމާނީ އައު އިމާރާތްތައް އަޅުއްވަމުންދާއިރު، ރަށްރަށުގެ އަމާންކަމާއި އިޖުތިމާއީ ހަމަޖެހުން ކަށަވަރުކުރެއްވުމަށް އެ ރަށްރަށުގައި ފުލުހުންގެ ހިދުމަތް އެމަނިކުފާނު ގާއިމުކުރައްވަމުންގެންދަވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

އިގުތިސާދީ ކަންކަމަށް އަލިއަޅުވައިލައްވަމުން ސައީދު ވިދާޅުވީ އިގުތިސާދީ ގޮތުން ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ރާއްޖެ އޮއްވައި ވެރިކަމާ ހަވާލުވެވަޑައިގެން ރައީސްވަނީ އިގުތިސާދީ ގިނަ ކަންކަން ހަމައަށް އަޅުއްވައިދެއްވައި ދަރަނި އަދާނުކުރެވި ރާއްޖެ ސިޔާދަތީ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން މިންޖުކޮށްދެއްވާފައި ކަމަށެވެ. 

ރައީސްގެ ހެޔޮ އަހުލާގަކީ ޑިމޮކްރެޓިކް ނިޒާމަކުން ރައްޔިތުން ފެނުމަށް ބޭނުންވާ ސިފަތައް ކަމުގައި ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެމަނިކުފާނު އެއްވެސް މީހަކާމެދު ބަދު ބަހެއް ހުތުރު އިބާރާތެއް ބޭނުންކުރައްވަމުން ނުގެންދަވާ ކަމަށެވެ. އަދި އެއީ ރައްޔިތުންވެސް ބޭނުންވާ ގޮތް ކަމަށެވެ. 

"ރައީސް އެގެންދަވަނީ ވެރިކަމުގެ ރިވެތި ނަމޫނާއެއް ދައްކަވަމުން. ތިޔަބޭފުޅުންނަކަށް އަޑުއިވިވަޑައިގަންނަވާނެ މީހަކާ ދިމާލަށް އިދިކޮޅު ފަރާތްތަކާ ދިމާލަަށްވެސް އެއްޗެއް ވިދާޅުވާ އަޑެއް. މިއީ ނޫންތޯ ޑިމޮކްރަސީގެ ރިވެތި ގޮތަކީ؟،" ސައީދު ވިދާޅުވިއެވެ. 

ރައީސް ގެންނަވަމުންދާ އިސްލާހުތައް ރާއްޖޭގެ ރައްޔިތުންނަށް ފެންނަމުންދާކަމަށާއި، އެ އިސްލާހުތަކުގެ އަސާސަކީ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ގައުމަކަށް 2040 ވަނަ އަހަރު އައުމުގެ ކުރިން ބަދަލުކުރެއްވުމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ތަސައްވުރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު